ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ފެށުނު "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ، ރާއްޖެއަށް އެހީދޭ ބައެއް ޤައުމުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ކޮންފަރެންސުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކުނިއޯ ޓަކަހާޝީއާއި، ސަޢޫދީ ފަންޑުގެ ކައުންސެލަރ މިސްޓަރ މުޙަންމަދު އެމް. އަލްޣެފީލީއާއި، ކުވައިތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔަޢުޤޫބު އަލްޢަތީޤީއާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން މި ކޮންފަރެންސްގައި ބައިވެރިވެޑައިގަންނަވާ އިސް މަންދޫބު އަދި ޔޫ.އޭ.އީ.ގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މައިތާ އަލްޝަމްސީއާއި، އެމެރިކާގެ އެކްޓިން ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް މިސްޓަރ މައިކަލް އޮވެންސްއާ އަބޫދާބީ ފަންޑްގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، މި ޑޯނަރ ކޮންފަރެންސްގެ މަޤްޞަދާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ މި ބޭފުޅުންނަށް ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ އަދި މާލީ ޙާލަތާބެހޭ ގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންތައްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުންތަކުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ޤައުމުތަކުންނާއި، މި ބޭފުޅުން ތަމްސީލު ކުރައްވާ ޖަމާޢަތްތަކުން ރާއްޖޭގެ ތަރައްޤީއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރައްވައި، މުސްތަޤްބަލުގައިވެސް އެ ޤައުމުތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން ރާއްޖޭގެ ތަރައްޤީގެ ހުރިހާ ދާއިރާތަކަކަށް ލިބެމުންދާނެ ކަމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ އާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގައި، ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތަށާއި، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސިޔާސަތަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވެ، މި ސިޔާސަތުތަކަށް މަރުޙަބާ ވިދާޅުވިއެވެ.