ފެން އުފެއްދުމާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމާ ބެހޭގޮތުން ބައިވޯޓަރ އިންޓަރނޭޝަނަލް ލިމިޓެޑާއި، ސަދަން ޔުޓިލިޓީޒް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. ބައިވޯޓަރ ކުންފުންޏަކީ، ސާފު ފެން އުފެއްދުމުގަޔާއި، ނަރުދަމާ އެޅުމުގައި ވަރަށް ކުރިއަރާފައިވާ ބައިނަލްއަޤްވާމީ މަޝްހޫރު ކުންފުންޏެކެވެ. މި އެއްބަސްވުމުގައި ސަދަން ޔުޓިލިޓީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ޒަރީރެވެ. ބައިވޯޓަރ އިންޓަރނޭޝަނަލް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން މިސްޓަރ އެޑްރިއަން ވައިޓެވެ.

މި ރަސްމިއްޔާތު އޮތީ މިހާރު މާލޭ ބަނދަރުގައި އޮތް ކްރޫޒްލައިނެއް ކަމަށްވާ "ދަ ވާރލްޑް" ގައި މިއަދު މެންދުރުފަހުއެވެ. މި ކްރޫޒްލައިންގައި ބައިވޯޓަރ އިންޓަރނޭޝަނަލް ލިމިޓެޑުގެ އޮފީހެއް ޤާއިމުކޮށްފައިވެއެވެ. ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއެއްބަސްވުމުގެދަށުން، އައްޑުއަތޮޅު ގަމާއި، ފޭދޫއާއި، މަރަދޫއާއި، ހަންކެޑެއާއި، ހިތަދޫއާއި، ހުޅުދޫއާއި، މީދޫއާއި އަދި ފުވައްމުލަކަށް ބޯފެން ފޯރުވައިދިނުމާއި، ދެކުނު ޕްރޮވިންސްގައި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ބައިވޯޓަރސްއިން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އަދި، ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމުކުރުމަށްފަހު، 20 އަހަރު ވަންދެން ބައިވޯޓަރސްއިން ސައުތު ޕްރޮވިންސަށް ސާފު ބޯފެން ފޯރުވައިދޭނެއެވެ.

މި އެއްބަސްވުމުގެ އިތުރު ތަފްޞީލު، ސަދަން ޔޫޓިލިޓީޒް ލިމިޓެޑުންނާއި، ބައިވޯޓަރސްއިން ހާމަކުރައްވާނެއެވެ.