ރާއްޖޭގެ ކާމިޔާބީގެ މަގަކީ، މިނިވަން އިޤްތިޞާދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް 2010" އިފްތިތާޙު ކޮށްދެއްވުމުގެ ޖަލްސާގައި، މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއެރުމަށްޓަކައި ރައްޔިތުންނަށް މިނިވަންކަން ބޭނުންވާފަދައިން ވިޔަފާރި ތަރައްޤީވުމަށްވެސް މިނިވަންކަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ގެންދަވަނީ ރާއްޖެއަށް މާލީ އިޞްލާޙުތަކެއް ގެންނަވަމުން ކަމަށް ވިދާޅުވެ، އޭގެ ތެރެއިން އެމަނިކުފާނު ފާހަގަކުރެއްވި އެންމެ މުހިންމު ތިން އިޞްލާޙަކީ، ދިގުމުއްދަތުގެ މާލީ ހަމަޖެހުމާއި، ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތު ބޮޑުކުރުމާއި، އަމިއްލަ ވިޔަފާރިއާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ވިޔަފާރި ފުޅާކުރުމާއި، ވިޔަފާރީގައި ސަރުކާރުގެ ދައުރު ކުޑަކޮށް ވިޔަފާރި ކުރިއެރުވުމަށް މަގުފަހި ކުރެއްވުމެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށަށްގޮސްފައި ކަމަށާއި، ވާރލްޑް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، 1956ގެ ފަހުން ޑިމޮކްރެޓިކް ބަދަލުތަކެއް އަންނަމުން އައި ޤައުމުތަކުގެ ތެރެއިން އެންމެ ދެރަ އިޤްތިޞާދީ ހާލަތަކާ ކުރިމަތިލާން ޖެހިފައިވަނީ ދިވެހިރާއްޖެއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބައެއް ބަދަލުތައް ގެންނައިރު އަސަރުކުރާނެ ކަމަށާއި، އެހެންނަމަވެސް އެއީ މިއަދު ކޮންމެހެން ގެންނަންޖެހިފައިވާ ބަދަލުތަކެއް ކަމަށާއި، އަދި ޑިމޮކްރަސީގެ މިޅަފަތުގެ ދައުރުގައި ގެންނަމުން މިދާ ބަދަލުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް އެހީތެރިކަން ބޭނުންވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ތަރައްޤީއަށް ހުރަސްއަޅާ އިދިކޮޅު ފަރާތްތަކެއް އެބަތިބި ކަމުގައި ވިދާޅުވެ، މި ކޮންފަރަންސަށް ހުރަސްއެޅުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސިޔާސީ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ތަޞައްރަފު ފުދެންވެއްޖެ ކަމަށާއި، އެބޭފުޅުން އެ ހިންގަވާ ކަންތައްތަކުގެ ސަބަބުން ގެއްލުން ލިބޭނީ، ދިވެހި އެންމެހާ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުދުމުޚުތާރުވެރިކަމަކަށް ރާއްޖެ ބަދަލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއަޅާ ފަރާތްތަކާއި، ޑިމޮކްރަސީ ފުނޑުފުނޑުކޮށް ހައްދުފަހަނަޅައި ގޮސްފައިވާ ނިޒާމެއް ރާއްޖޭގައި ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ކުރިހޯދައި، ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެ، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ރައްޔިތުން މިސަރުކާރަށް ވޯޓްދިނީ، ސިޔާސީ ބަދަލެއް ބޭނުންވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ސަރުކާރަށް ކުރައްވަން ޖެހިވަޑައިގަންނަވާ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދު އައިސްފައިވާ ބަދަލުތަކާއި، ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން މިއަދު އިތުރުވެފައިވާ މިންވަރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. ރާއްޖޭގެ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ލިބިފައިނުވާފަދަ މިނިވަންކަމެއް، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ލިބިފައިވާކަން ފާހަގަކުރައްވަމުން، މިއީ ރާއްޖޭގެ ރައްޔިތުން ފަޚްރުވެރިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.