ޑޯނަރ ކޮންފަރެންސަށް ރާއްޖެއިން ބޭރުން ވަޑައިގެން ތިއްބެވި މެހްމާނުންނަށް، ދިވެހިންގެ ރީތި ސުލޫކާއި ދިރިއުޅުން ދައްކަވައިދެއްވުމަށް، އެންމެބޮޑު ދެ ސިޔާސީ ޕާޓީގެ ބޭފުޅުންނަށާއި، ހުރިހާ ފަރާތްތަކަކަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، އެމަނިކުފާނު ސަޢޫދީޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، ރާއްޖޭގައި މާދަމާ ފެށޭ ޑޯނަރ ކޮންފަރެންސާއި، އަދި މާލޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން މިއަދު މެންދުރެއްހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު އަޅުގަނޑުމެންނަށް ފެނިގެންމިދާ މަންޒަރަކީ، ހިތާމަކުރަންޖެހޭ މަންޒަރެއް ކަމަށާއި، އެ މަންޒަރަކީ ޢާންމުކޮށް ދިވެހި ރައްޔިތުންނާ ދޭތެރޭގައި ދުނިޔެ ދެކޭގޮތާ ޚިލާފު މަންޒަރެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި، ތަޞައްރުފު ފުދިފައިވާ ބޮޑެތި މީހުން، އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ގާއުކުމާއި، ތަކެތި އުކުމާއި، އަދި އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މަޖިލީހުގެ ތަޅުމުގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަތްލައި ތަޅާފޮޅާ މަންޒަރަކީ، މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ހިތާމަކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މީހުންގެ ތެރެއިން ދެވަނައަށް މިޤައުމުގައި ހުރި އެންމެ އިސް މީހެއްގެ ޙައިޘިއްޔަތުން އެކަމާ ދޭތެރޭގައި އެމަނިކުފާނު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަމާ ދޭތެރޭގައި ދިވެއްސެއްގެ ޙައިޘިއްޔަތުން ލަދުވެތިވެވަޑައިގަންނަވާ ކަމަށެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވިގޮތުގައި، ބޭރު ޤައުމުތަކުން ދިވެހިރާއްޖެ ދެކެމުން އަންނަނީ، ދިވެހިރާއްޖެއަކީ ވަރަށް ޞުލްޙަވެރި، ވަރަށް އޮމާން، ރީތި ތަނެއްގެ ގޮތުގައެވެ. އަދި ދިވެހިރާއްޖެއަށް ބޭރުޤައުމުތަކުން އެހީދޭން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ހީވާގި، މުރާލި އަދި އެކުވެރިކަން ބަދަހި، ޞުލްޙަވެރި ބަޔަކަށްވާތީއެވެ. ޑޯނަރ ކޮންފަރެންސަށް ރާއްޖެއިން ބޭރުން ގާތްގަނޑަކަށް 90 ވަރަކަށް މެހްމާނުން މިހާރު ވަޑައިގެން އެބަތިއްބެވި ކަމަށް ވިދާޅުވެ، ބައެއް ޤައުމުތަކުގެ ވަރަށް އިސްބޭފުޅުންވެސް އޭގެތެރޭގައި ހިމެނޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެބޭފުޅުން ތިއްބެވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެހީވެވަޑައިގެން ދެއްވުމަށް ކަމަށާއި، ފެށުނީއްސުރެވެސް ދިވެހިރާއްޖެއަކީ ބޭރުގެ އެކި އެހީތައް ލިބެމުން އަންނަ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު ކުރެވިފައި ހުރި ބޮޑެތި ޢިމާރާތްތަކާއި، ހިންގިފައި ހުރި މަޝްރޫޢުތައް ހިންގިފައިވަނީ، ބޭރުގެ އެހީތެރިކަމާއި، އެފަރާތްތަކުގެ ދީލަތިކަން ލިބިގެން ކަމަށް ނައިބު ރައީސް ވިދާޅުވެ، މުސްތަޤްބަލުގައިވެސް އެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިހާގިނަ ޢަދަދެއްގެ ބޭރުގެ މެހްމާނުން ރާއްޖެ ވަޑައިގެން ތިއްބެވި ވަގުތެއްގައި، އެބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑުމެން ދައްކަންޖެހޭނީ، ދިވެހިންގެ ރިވެތި ނަމޫނާއާއި، ދިވެހިންގެ ރިވެތި އަޚްލާޤާއި، ދިވެހިންނަކީ ޒަމާނުއްސުރެވެސް ޞުލްޙަވެރި ބަޔެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ބަޔަކަށްވުމާއެކު، އެމަންޒަރު ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަކީ ކިތަންމެ ދަތި ވަގުތެއްގައިނަމަވެސް، ވަކިކަހަލަ ސުލޫކެއް ހިފަހައްޓައި، އިސްލާމީ ރަނގަޅު އުޞޫލުތަކުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔެއް ކަމަށް ދައްކަވައިދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ބޭރުޤައުމުތަކުން ދިވެހިރާއްޖެއަށް އެހީވެދެނީކީ ވަކި ޕާޓީއަކަށް ނޫން ކަމަށާއި، ވަކި ސަރުކާރަކަށްވެސް ނޫން ކަމަށާއި، އެ އެހީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެދެއްވާ އެހީއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިހާރު ރައްޔިތުން ބޭނުންވެފައިވާ ވަރަށްގިނަ މަޝްރޫޢުތަކެއް، ވަރަށްގިނަ ކަންތައްތަކެއް ހުރުމާއެކު، މިޖަލްސާގެ ސަބަބުން ވަރަށްގިނަ ކަންތައްތަކެއް ފުރިހަމަވެ، ވަރަށްގިނަ މަޝްރޫޢުތަކެއް ތަންފީޒު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

މާދަމާ ރާއްޖޭގައި މިފެށޭ ޑޯނަރ ކޮންފަރެންސްގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުންވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ކޮންފަރެންސްގައި ވާހަކަ ދެކެވޭ ފުރަތަމަ ދާއިރާއަކީ، ސަރުކާރުގެ ބަޖެޓަށް މިއަހަރަށް އިތުރަށް ބޭނުންވާ ފައިސާ ހޯއްދެވުމާއި، އިޤްތިޞާދީ ގޮތުން ޤައުމަށް މިހާރު ގެންނަވަމުން ގެންދަވާ ބަދަލުތައް ފަހިކުރުމަށްޓަކައި، ބޭރުގެ ފަރާތް ފަރާތުން ހޯއްދަވަންޖެހޭ އެހީ ހޯއްދެވުމެވެ. ދެވަނަ ދާއިރާއަކީ، ޑިމޮކްރަސީއާއި އެކިއެކި މުއައްސަސާތައް ވަރުގަދަ ކުރެއްވުމަށްޓަކައި ހޯއްދަވަންޖެހޭ އެހީ ހޯއްދެވުމެވެ. ތިންވަނަ ދާއިރާއަކީ، ސަރުކާރުގެ އިދާރާތައް ވަރުގަދަ ކުރައްވައި، މުވައްޒަފުންނަށް ދެއްވަންޖެހޭ ތަމްރީނުތައް ދެއްވުމާއި، ސަރުކާރު ހިންގެވުމުގެ ކަންތައްތައް ވަރުގަދަ ކުރެއްވުމެވެ. ހަތަރުވަނަ ދާއިރާއަކީ، އިޖްތިމާޢީ ތަރައްޤީއެވެ. ފަސްވަނަ ދާއިރާއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ދިމާވެދާނެ ދަތި ކަންތައްތަކުން ސަލާމަތްވުމަށް ބޭރުގެ އެހީ ހޯއްދެވުމެވެ.

ނައިބު ރައީސް މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، އެމަނިކުފާނު ދާދިފަހުން ސަޢޫދީޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެމެދު އަބަދުވެސް އޮންނަ އުޚުއްވަތްތެރި ކަމުގެ ގުޅުން، ވަރުގަދަވަމުންދާ ކަމުގެ ޔަޤީންކަން، އެދައުލަތުގެ އިސްވެރިންނަށް އެރުވުމާއި، ޑޯނަރ ކޮންފަރެންސްގައި ސަޢޫދީޢަރަބިއްޔާއިން ބައިވެރިވެވަޑައިގެން، އެކަމުގައި ދިވެހިރާއްޖެއަށް އެހީވެދެއްވުމަށް އެދިވަޑައިގަތުން ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، މިކަންތައްތަކާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ނައިބު ރައީސް ޖަވާބު ދެއްވިއެވެ.