ޒަމާނުއްސުރެ ރާއްޖެއާ ބަންގްލަދޭޝާ ދެމެދު އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ގާތް ރަޙްމަތްތެރި ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ތާރީޚީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ގޮތުން ރާއްޖެއާއި ބަންގްލަދޭޝް އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، ދިވެހި ވިޔަފާރިވެރިން އެ ޒަމާނުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ ބޮޑުބައެއް އެތެރެ ކޮށްފައިވަނީ ބަންގްލަދޭޝްގެ ބަނދަރުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގައި މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެއް ޤައުމެއް ތަރައްޤީގައި، އެހެން ޤައުމުތަކުން ބައިވެރިވެ، އެކަމުން ސަރަޙައްދުގެ ހުރިހާ ޤައުމު ތަކަކަށްވެސް ފައިދާ ކުރާނެ ގޮތެއް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ސާކް ސަމިޓަށް ބައްލަވާލައްވަމުން، މިއީ ސަރަޙައްދުގެ ހުރިހާ ޤައުމުތަކުގެ ތަރައްޤީ، އެއް ހަމައަކަށް، އެއް މިޞްރާބަކަށް ގެންދެވުމަށް މަސައްކަތް ކުރެއްވުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި، ޤައުމީ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވިއެވެ.