ރައްޔިތުންގެ މަޖިލީހުގައި ޚިޔާލު ތަފާތުވެދިޔަ ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުން އަޚްލާޤީ މިންގަނޑުތަކުން ބޭރަށް ވަޑައިނުގަތުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާދަމާ ދެއްވާ ރޭޑިޔޯ ޚިތާބުގައި ވާހަކަފުޅު ދައްކަވާނެއެވެ. އަދި މަޖިލީހުގައި ކަންކަން ޙައްލުވެގެން ނުދިޔުމުން، ދެން ނުކުންނަ މައްސަލަތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖެއަށް އެހީދޭ އެކިއެކި ޤައުމުތަކާއި ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ބައިވެރިވާ ޑޯނަރ ކޮންފަރެންސްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ. އަދި ސަރުކާރުން ވަރަށްގިނަ ޢަދަދެއްގެ އެމް.އޯ.ޔޫ.ތަކުގައި މިހާރު ސޮއިކުރައްވާފައިވުމާއެކު، އެ އެމް.އޯ.ޔޫ.ތަކުން ނުކުންނާނެ ނަތީޖާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.