ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް" ގެ ނަމުގައި މިއަދުން ފެށިގެން އިދާރާއެއް އުފައްދައި، އެތަނަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

"އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް"ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ޕްރޮގްރާމުތައް ހިނގާނުހިނގާގޮތް ބަލައި، ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމާ ގުޅޭގޮތުން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމާއި، އަދި މިފަދަ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅޭ އެންމެހާ މަސައްކަތްތައް ހިންގައި ބަލަހައްޓާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

"އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް" އުފެއްދެވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުން ހިންގަވާ އެންމެހާ މަޝްރޫޢުތަކާއި، ޕްރޮގްރާމުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ މަޝްރޫޢުތަކާއި، ޕްރޮގްރާމުތަކުގެ ނަތީޖާ ޙާޞިލުވަމުންދާ މިންވަރު ބެލުމާ ގުޅޭގޮތުން ކުރައްވަމުން ގެންދަވާނީ މިއޮފީހުންނެވެ.