ޕާކިސްތާނުން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރުއަދާކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ޝުކުރުއަދާކުރެއްވީ، ޕާކިސްތާނުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ރޭ ބޭއްވެވި ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދެޤައުމަކީވެސް ޑިމޮކްރެޓިކް ނިޒާމެއް ގެންގުޅޭ މުސްލިމް ދެ ޤައުމު ކަމަށާއި، އިސްލާމްދީނުގެ މިރީތި އާދަތައް ދަމަހައްޓަން މަސައްކަތްކުރާ ދެޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި، ދެޤައުމަށްވެސް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަން ބަޔާންކުރައްވަމުން، ޕާކިސްތާނަކީ، އިސްލާމްދީނުގައިވާ ޞުލްހައާއި ޑިމޮކްރަސީއަށް ބާރުއަޅާ އުސޫލުތަކަށް ހިތްވަރުދޭ ޤައުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި ދިރިއުޅެމުންދާ ޕާކިސްތާން ރައްޔިތުންނަކީ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް ބަހައްޓާ ބައެއް ކަމަށާއި، އެ ރައްޔިތުންނަކީވެސް، ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ކަމުގައި ވިދާޅުވިއެވެ.