بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢާމިރު، ވަޒީރުން، ކުންފުނިތަކުގެ ވެރިން، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދުގެ ވަރަށް ހަވީރުގެ ވަގުތެއްގައި މި ރަށަށް އާދެވުނީ. އަޅުގަނޑުމެން މި ރަށަށް އައުމުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ހަމަ އެއާއެކު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވަރަށްބޮޑު ތާއީދެއް ތިޔަބޭފުޅުން އަޅުގަނޑަށް ވަނީ ދެއްވާފައި. އެކަމަށްޓަކައިވެސް ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އިންތިޚާބު ތެރޭގައިވެސް އަޅުގަނޑު ދަންނަވާފައިވާނެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަމޭ. ކުލަޖައްސައިދޭނަމޭ. މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކަ، އެގޮތުގައި ތަކުރާރުކުރާ ވާހަކަ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި، މި އަހަރުން ފެށިގެން ހަމަ އިސްކަންދީގެން، އެ ހުރިހާ ކަމެއް ޢަމަލީގޮތުން ކޮށްދީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ފުރިހަމަކޮށްދޭނެ ކަންތައްތަކެއް ކަމުގެ ޔަޤީންކަން އަރުވަން.

އެއީ، އަޅުގަނޑު ހުރިހާ ރަށަކަށް ގޮސްވެސް މި ދަންނަވާ ވާހަކައަކީ. ޕޯޑިއަމެއް ކައިރީގައި ހުރެގެން، އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިހެން ދައްކާ ވާހަކައެއް މި ދައްކަނީކީއެއް ހަމައެކަނި އެވަގުތަކަށް ހޯދަން ބޭނުންވާ ވޯޓު ހޯދަން އެކަންޏެއް ނޫނޭ. ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި، އެ މަސައްކަތް ކުރަން ހަވާލުކުރައްވައިފިއްޔާ، އެކަންކަން ފުރިހަމަކޮށްދިނުމުގެ ވަރުގަދަ ޢަޒުމާއި، އެކަންކަން ކުރެވޭނެކަމުގެ ޔަޤީންކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި އެކަންކަން ކުރުމަށޭ. އެހެންވީމާ، މިގޮތަށް މި ދަންނަވަނީ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބަޔަށް ބަލާއިރު، އެންމެ މުހިންމު ކަމަކަށް އޮތީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢާންމު ކަމަކަށް އޮތީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުން. އެހެންވީމާ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އެހާ ބޮޑަށް އެ ވާހަކަ ދައްކައި، މެނިފެސްޓޯގައިވެސް އެންމެ މަތީގައި، އެންމެ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އެ ސިޔާސަތު ހިމެނީ. ޤައުމީ މައްސަލަތައް، މިނިވަންކަމާއި ސިޔާދަތާއި، އިސްތިޤްލާލާ ގުޅިފައިވާ މުހިންމު ބޮޑެތި މައްސަލަތަކަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ، ގެދޮރުވެރިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުކޮށްދިނުން ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އަދި އެއީ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީވެސް. މާނަޔަކީ، މި ރަށުގެ ރައްޔިތުންނަށްވެސް މި ބޭނުންވާ އެންމެބޮޑު މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުން. މި ރަށުގެ ބިން ހިއްކިފައިވަނީ.

އެހެންވީމާ، ކުރަން މިޖެހޭ ކަމަކީ، އެކަމުގައި ޙަޤީޤީ ކުލަޖެއްސުން. ދެންމެ ޝިޔާމް ފާހަގަކުރެއްވި ފަދައިން، ބިން ހިއްކިފައި އޮތަސް، ބިމުގެ ބޭނުންހިފޭނެ ގޮތެއް ހެދެންޖެހޭ. މި ރަށް ގޮތަށް ބިން ހިއްކިފައި އެބަހުރި، ހަމަ އެހެން ރަށްތަކުގައިވެސް. އެ ރަށްރަށުގައިވެސް އަދި މި ރަށުގައިވެސް، މި ހިއްކިފައި އޮތް ބިމުގެ ބޭނުންހިފޭނީ، އެތަނުގައި ގޮސް ދިރިއުޅެވޭނެ ގޮތެއް ހެދިގެން. ދިރިއުޅެވެން އަންނާނީ މަގުހެދިގެން، ފެން، ނަރުދަމާ، ކަރަންޓް، މިކަންކަން ޤާއިމުކުރެވިގެން. އެއީ، އަސާސީ ކަންތައްތައް.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގޮތަށް ބިން ހިއްކާފައި ހުރި ހުރިހާ ރަށެއްގައި މި ދެންނެވި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، މަގުހެދުމާ، އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް. އިރާދަކުރެއްވިއްޔާ އެކަން މި ރަށުގައިވެސް އަޅުގަނޑުމެން ކޮށްދޭނަން.

އާދެ، އޭރުން އެ ބިމުގެ ބޭނުން ފުރިހަމަގޮތުގައި ހިފެނީ. ރަނގަޅު ފެންވަރުގައި ހެދިފައި އޮންނަ މަގުތަކެއް، އެ މަގުގެ ވާހަކަ ދައްކާއިރުގައި، މި ރަށުގެ އޮރިޖިނަލް އައިލެންޑުގެ މަގުހެދުންވެސް އެބައޮތް. އަޅުގަނޑު ވަޢުދުވެސްވިން އެކަމަށް. އެހެންވީމާ، އެ ބައިގައި މަގުހަދާއިރުގައި، ރަށުގެ މަގުތަކާ އެކީގައި މަގުހަދާ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެންވެ އެކަން ހަމަ ޔަޤީންކޮށްލަން ތިޔަބޭފުޅުންނަށް ދަންނަވާލަން. މަގު ހެދުމުގެ މަޝްރޫޢު ގެންދާނީ މުޅި ރަށުގައި. އެހެންވީމާ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި މަގުތަކެއް، ފެނާއި ނަރުދަމާ، ކަރަންޓް ޤާއިމުކުރެވިގެން ހެދުނީމަ، ދެން އާބާދުވުމަށް އެ މަގު ހުޅުވައިލެވުނީ.

ގެދޮރުވެރިކަން ޤާއިމުކުރުމުގައި ރާއްޖޭގައި އޮތް މައްސަލައަށް ޙައްލެއް ގެނައުމަށް އަޅުގަނޑު ހުށަހަޅާފައިވާނީ ދެތިން ހަތަރު ކަމެއް. އެއްކަމަކީ، ހައުސިންގ މަޝްރޫޢުތައް ހިންގުން. އެއީ، ރޯހައުސް އަދި ފުލެޓް، ނޫނީވިއްޔާ ބިން އޮތް މިންވަރަކުން ވަކިވަކި ގެދޮރު، ވަކިވަކި ގެ އެޅުން. ކޮންމެގޮތެއްވިޔަސް، އިމާރާތްތަކެއް ހަދައިދިނުން އެއީ، އެއްގޮތް. އަނެއް ގޮތަކަށް ހުށަހަޅާފައި ވާނެ، އަމިއްލަ ގޯތީގައި ގެ އެޅުމަށްޓަކައި ލުއި ލޯނު ސްކީމްތަކެއް ތަޢާރުފް ކުރާ ވާހަކަ. 5 ޕަސެންޓަށްވުރެ އޭގެ އިންޓްރެސްޓް ބޮޑުނުވާނެ، އިސްލާމިކް ފައިނޭންސް މޮޑެލްގެ ލޯނުތަކެއް ތަޢާރުފްކުރާ ވާހަކަ.

އެހެންވީމާ، މި ފުރުޞަތު ހޯދައިދިނުމަށް ވަރަށްގިނަ މަސައްކަތް އެބަ ކުރަން. އިދާރީގޮތުން އަޅުގަނޑުމެންގެ ކަމާގުޅޭ އެކިއެކި އިދާރީ މަސައްކަތްތައް، ފަންނީ މަސައްކަތްތައް އެބަ ހިންގަން މިހާރު. އެއާއެކީގައި، ގެދޮރު ބިނާކުރުމަށްޓަކައި ވަކިކަހަލަ މަޝްރޫޢުތަކެއް ހިންގުމަށްޓަކައި ލޯނު ނަގައިގެން، ނޫނީވިއްޔާ ކޮންސެޝަނަލް ލޯނު ހޯދައިގެން، ސަރުކާރުން ގެދޮރުއެޅުމާއި، އަދި ޕްރައިވެޓް ސެކްޓަރ ލީޑްކުރާ ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، މިކަހަލަ ކަންތައްތައްވެސް ކުރިއަށް ގެންދިޔުން. އަދި ވަރަށް ގިނައިން އެބަހުރޭ، ގެ އަޅަން ފަށާފައި ހުއްޓިފައި. ބޭންކަށް ވަންނަން އެ ބޭނުންވާ ޢަދަދަށް އިކުއިޓީ ފައިނޭންސް ނުކުރެވޭތީ، ނޫނީވިއްޔާ އެހެނިހެން ގޮތަކުންވެސް މަޝްރޫޢު ނުގެންދެވިފައި، އަމިއްލަ ގެދޮރު ނެހެދިފައި ތިބޭ މީހުން. އެ މަޝްރޫޢު، އެ ގެ ނިންމުމަށްޓަކައި، ކޮމްޕްލީޝަނަށް ބޭނުންވާ ލޯނު. ދެން އަނެއްގޮތަކަށް މި ލޯނު ބޭނުންވާ މީހުންގެ، ގެ ހުރީ ވަރަށްކުރިން ހަދާފައި. އެހެން ނަމަވެސް، އެތަން މަރާމާތުކޮށްގެން ނޫނީވިއްޔާ އިތުރަކަށް ދެން ގޭގައި އުޅެވޭކަށް ނޯވޭ. އެހެންވީމާ، މިކަހަލަ ދެތިން ހަތަރު ވައްތަރެއްގެ ލޯނުތަކެއް ތަޢާރުފް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ މެނިފެސްޓޯގައި ހިމަނައި އަދި ކެމްޕެއިންގައި އެ ވާހަކަ ދައްކާފައި. މިހާރު އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. އިދާރީ އަދި ޓެކްނިކަލް ވަރަށްގިނަ މަސައްކަތްތައް އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އިކޮނޮމިކް ކައުންސިލްގެ ތެރޭގައި ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް އެބަ ކުރިއަށްދޭ. މި ހަފްތާގެ ތެރޭގައިވެސް އެކަމާ ގުޅޭ މަސައްކަތްތައް އެބަ ކުރިއަށް ގެންދަން.

މިއާ ވަރަށް ބޮޑަށް ގުޅިފައި އެބައޮތް، އަޅުގަނޑުމެންގެ ޤައުމުގައި، ބޭންކިންގ ނިޒާމު ހަރުދަނާ ކުރުން، އިކޮނޮމީ ހަރުދަނާ ކުރުން. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު ވަރުގަދަކުރުމާވެސް ގުޅިފައިވަނީ. މި ހުރިހާ ކަމަކީ ގުޅިލާމެހިފައި ހުރި ކަންކަން. އެހެންވީމާ، އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަކީ، އެކިކަހަލަ ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، ހައުސިންގ ފައިނޭންސް ސްކީމްތައް ތަޢާރުފް ކުރުމަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަމެކޭ. އެކަން ކުރިއަށް ގެންދާއިރުގައި، މި ރަށާއި އަދި ގެދޮރު ބިނާކުރުމުގައި މިގޮތަށްހުރި، އިސްކަންދޭންޖެހޭ މުހިންމު ހުރިހާ ރަށްތަކެއް، އޭގައި ޝާމިލް ކުރެވިގެންދާނެ. ކައުންސިލްގެ ރައީސް އަދި ޢިއްޒަތްތެރި މެންބަރު ފާހަގަކުރެއްވީ މި ރަށަށް މިވަގުތު ބޭނުންވަނީ، މަދުވެގެން 200 ހައުސިންގ ޔުނިޓު ކަމަށް. އެކަން އަޅުގަނޑު ހަމަ މިހާރުވެސް ޔަޤީންކަން ދެން. އަޅުގަނޑުމެން ޔަޤީނުންވެސް މި ރަށުގައި އެވަރު އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން.

އޭގެއިތުރަށްވެސް، ގެދޮރުއެޅުމަށްޓަކައި މި ދަންނަވާ ލޯނު ސްކީމްތައް ތަޢާރުފް ވެގެންދާއިރުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ވާނެ. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރާލެވިގެން، ފަސް އަހަރު ދުވަހަށް ބަހާލައިގެން ސާޅީސްހާސް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ކުރަން. އެއީ، މާލެ ސަރަޙައްދުގެ އިތުރަށް. މާލެ ސަރަޙައްދުން ބޭރުން ސާޅީސްހާސް ހައުސިންގ ޔުނިޓް. އެހެންވީމާ، މި ސާޅީސްހާސް ހައުސިންގ ޔުނިޓް ބެހިގެންދާނެ ގޮތް، އަޅުގަނޑު އެކި ޖަލްސާތަކުގައި އެބަ ކިޔައިދެން. ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައޭ ރާއްޖެ ތަރައްޤީ ކުރަންޖެހޭނީ. އެހެން ނޫނީވިއްޔާ، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަކަށް ރާއްޖެ ތަރައްޤީ ނުކުރެވޭނެއޭ. އަދި ހުރިހާ ރައްޔިތުންނަށް ހުރިހާ ޚިދުމަތެއް، އެންމެމަތީ ފެންވަރުގައި ދެވޭނެ ގޮތަކަށް ތަރައްޤީ ކުރެވޭނީވެސް މި ދެންނެވި ގޮތަށް ތަރައްޤީކޮށްގެންނޭ. އެހެންވީމާ، މި ސާޅީސްހާސް ގެދޮރު، ހައުސިންގ ޔުނިޓް ޤާއިމުކުރާއިރުގައި، އެ ވިސްނުމުގައި އެކަން ކުރާނީ. އޭގެތެރެއިން ގެދޮރު ޤާއިމުކުރުމުގެ މަޝްރޫޢުތައް ގެންދާއިރުގައި، އެންމެ އާބާދީ އެއްފަސްކުރެވުމުގެ ޖާގައޮތް، އަދި އެންމެ އިޤްތިޞާދު ވަރުގަދަކޮށް އޮތް ތަންތަން، ބިންއޮތް، ބިން އިތުރުކުރެވެން ހުރި ތަންތަން. އަރބަން ސެންޓަރސްގެ ގޮތުގައި ކަނޑައަޅާ ތަންތަން. މިހެންގޮސް މި ހުރިހާ ކަމަކަށް ބެލިގެންދާނެ. މި ރަށަށް ބޭނުންވާ ގެދޮރު ޤާއިމުކޮށްދިނުމަކީ ހަމަ ޔަޤީނުންވެސް ކޮށްދޭނެ ކަމެއް. އަދި ލޯނު ސްކީމްގެ ފުރުޞަތުވެސް ލިބިގެންދާނެ.

އެހެންވީމާ، މި ދެންނެވި ގޮތަށް، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ބިމާއި، މަގުހެދުމާއި، މަގަށް ބޭނުންވާ އެކިކަހަލަ ޔޫޓިލިޓީޒްތައް ޤާއިމުކުރުމާ އެކީގައި، ގެދޮރުގެ ފުރުޞަތު ލިބިގެންދާނެ.

އާދެ، ދެން އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށްގިނަ ކަންތައްތައް ކައުންސިލްގެ ރައީސްވެސް، ކައުންސިލަރުންވެސް ބައްދަލުވުމުގައި ފާހަގަކުރެއްވި. އަދި ޢިއްޒަތްތެރި މެންބަރުވެސް ފާހަގަކުރައްވާފައި އެވަނީ. އަދި ކުރިންވެސް ތިޔަބޭފުޅުން، ރައްޔިތުންވެސް ވަނީ އެކަންކަން ކެމްޕެއިން ތެރޭގައިވެސް ޙިއްޞާ ކުރައްވާފައި.

މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް، ޚާއްޞަކޮށް، މި ރަށަކީ، މަސްވެރިކަމުގެ އެހާ މުހިންމު ރަށަކަށްވާއިރުގައި، ވަރަށްގިނަ ކަންތައްތައް ކުރަން އެބަހުރި. މަސްވެރިކަމަށް ބަލާއިރުގައި ވަރަށް ފާހަގަކޮށްލެވޭ. ވަރަށްގިނަ ބޭފުޅުން އެ އިންޑަސްޓްރީގައި، މުޅި ރަށް ކަހަލަ ގޮތަކަށް ޝާމިލްވާ ރަށެއް މިއީ.

އެހެންވީމާ، ބަނދަރު ބޮޑުކޮށް، ބަނދަރަކީ އެންމެ ފުޅާކޮށް މި ރަށުގައި ހެދެންއޮތްވަރަށް، އެންމެ ރަނގަޅަށް ވަސީލަތްތައް ޤާއިމުވެފައި އޮތް ބަނދަރަކަށް ހެދިގެންދިޔުން ވާނީ ފަރުދީގޮތުންވެސް އަދި މުޅި ރަށުގެ އިޤްތިޞާދަށްވެސް މުހިންމު ކަމަކަށް. އެހެންވީމާ، މިހާރު ފެށިފައި އޮތް މަޝްރޫޢު ކުރިއަށް ގެންދާއިރުގައިވެސް އަދި އިތުރަށް އެ މަޝްރޫޢަށް ގެންނަންޖެހޭ ފުރިހަމަކަމެއް ގެނައުމަކީވެސް ކުރަންޖެހޭނެ ކަމެއް. އިރުކޮޅުކޮޅާ ބަދަލުތައް ގެނައުމަކީ، ނޫނީވިއްޔާ ތަންކޮޅެއް އިތުރުކުރުމަކީ، އެއީ، އިޤްތިޞާދީ ގޮތުން ފައިސާއަށް ބަލާއިރުގައިވެސް މާ ދެކޮޅުޖެހޭ ގޮތަކަށް ނުވާނެ.

އެހެންވީމާ، މިހާރު ހިނގަމުންދާ މަޝްރޫޢު ކުރިއަށްދާއިރުގައިވެސް، ރަށުގެ ކައުންސިލަރުންނާއި، މަސްވެރިންނާއި، ހުރިހާ ބޭފުޅުންގެ މަޝްވަރާއާ އެކީގައި، އެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމުމަކީ، އަޅުގަނޑުމެން އެކަން ކުރާނެގޮތް. މިހާރު ހިނގަމުންދާ މަޝްރޫޢު ކޮމްޕްލީޓްވެގެން ފުރިހަމަވެގެންދާއިރުގައި އަޅުގަނޑު ގަބޫލުކުރަނީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އެކަން އެކީގައި ފުރިހަމަވެގެންދާނެ ކަމަށް.

އާދެ، އައިސް ޕްލާންޓްގެ ވާހަކަވެސް ވިދާޅުވި. އެއާ ގުޅިގެން ފާހަގަކޮށްލަން ބޭނުން. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުވެސް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އާދެ، ދެން މިއާއެކީގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ބިން ހިއްކުމުގެ މަޝްރޫޢު، އޭރުގައި އަޅުގަނޑުމެން ކުރިއަށްގެންދިޔައިރުގައި، މީގެ 10 އަހަރު ކުރިން އެ މަޝްރޫޢު ކުރިއަށް ގެންދިޔައިރުގައި، ވަކިން ހިއްކާފައި އެއޮތް ސަރަޙައްދު، އޭރުގައިވެސް ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވީ ގުޅާލަން. ފިޒިކަލީ ފާލަމަކުން ގުޅާލަން. އެހެން ނަމަވެސް، އޭރުގައި ބަޖެޓުގައި އެކަން ކުރެވޭނެ ޖާގައެއް ނެތް. ދެންމެ ޝިޔާމްވެސް އެ ފާހަގަކުރެއްވީ. ބަޖެޓަށް އިތުރުކޮށްދީގެން އެބައި ވަކިން ހިއްކީވެސް. އެއްގަމުން ދެވޭގޮތަށް ގުޅައިލުމުގެ ވިސްނުމުގައި އެކަން ކުރީވެސް. ދެން ކޮންމެއަކަސް އެ ގުޅާލަން އަނެއްކާވެސް އަޅުގަނޑާ މިޖެހުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ފަސްގަނޑާއި މި ހިއްކާފައި އޮތް ބިމާ ގުޅާލަދޭނަން.

އާދެ، ރަށެއްގެ ތަރައްޤީއަށް ބަލާއިރުގައި، ކޮންމެ ރަށަކަށްވެސް މުހިންމު މައިގަނޑު ކަންތައްތަކެއް ހުރޭ. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ޒުވާނުންގެ ދުޅަހެޔޮކަން، ކުޅިވަރު، ކަނބަލުންގެ ދުޅަހެޔޮކަން. މިހެން ހުންނަ ދާއިރާތަކެއް މި ހުންނަނީ.

ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، މި ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކޮށްދިނުމަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް. ކައުންސިލްގެ ރައީސްވެސް އެ ފާހަގަކުރެއްވީ. އަދި އޭގެ ޖަސްޓިފިކޭޝަން، އެކަން ކުރަންޖެހޭ ސަބަބުތައް ވަރަށް ސާފުކޮށް އެބައޮތް ފެންނަން. އެހެންވީމާ، ދެންމެ ހެލްތް މިނިސްޓަރވެސް އެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ ސިޔާސަތު އޮތީވެސް ހަމަ އެހެން. އެ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް، ޑޮކްޓަރުންނާއި އަދި ޚިދުމަތުގެ ގޮތުންވެސް ފެންވަރު މަތިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއްކަން ހަމަ ފާހަގަކޮށްލަދެން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދޭނަން. އެތަނުގައި އެކްސްރޭއާއި، މެޑިކަލް ޗެކްއަޕް ހެދުމާ، ދެން މިހެންގޮސް ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ޞިއްޙީ މަރުކަޒު ރަނގަޅުކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، ސްކޫލްގެ ވާހަކަވެސް ފާހަގަކުރެވިގެންދިޔަ. މި ރަށަކީ ތަޢުލީމީ، ވަރަށްގިނަ ބޭފުޅުން ތިއްބެވި ރަށެއް. ސްކޫލް ވަރުގަދަކުރުމަކީ، ސްކޫލަށް ޖާގަ އިތުރުކުރުން. ސްކޫލްގެ ކްލާސްރޫމްތަކާއި، މިހާރު ހިނގަމުންދާ މަލްޓި-ޕަރޕަސް ހޯލުގެ މަޝްރޫޢު އަވަސްކުރުމާއި، މިހެންގޮސް ވަރަށްގިނަ ކަންތައްތައް އެބަހުރި ކުރަން. އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، އަދި ހިންގަމުންދާ ކުޅިވަރުގެ އެކިކަހަލަ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، ދަނޑުގައި ލައިޓް ޖަހައިދިނުމާއި، ދެން ވަރަށްގިނަ މަސައްކަތްތައް އެބަހުރި. ކަނބަލުންގެ ފަރާތުން އެންމެ ގިނައިން ހުރިހާ ރަށެއް ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ހުށަހަޅާ ކަމަކަށް އޮންނަނީ ހޭންޑްބޯލް ކުޅެވޭނެ ކަހަލަ ދަނޑެއް ހަދައިދިނުން. ވޮލީބޯލް ކުޅެވޭނެ ގޮތެއް ހެދުން. ޚާއްޞަކޮށް، ހޭންޑްބޯލް ކަންތައް، އެންމެ ގިނައިން މިހާރު އަންހެން ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އަންނަ ކަމަކަށް އޮތީ. މި އަހަރުގެ ބަޖެޓަކު ޙަޤީޤަތަކު ނޯންނާނެ، އެހާ ފުޅާ ދާއިރާއެއްގައި ހޭންޑްބޯލް ކޯޓުތައް ރަށްރަށުގައި ހަދާކަށެއް. ބައެއް ރަށްރަށުގައި އެބަހުރި ބަޖެޓުގައި ހިމެނިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާރު ގަސްތުކުރަނީ، މި އަންނަ އަހަރަށް ވިސްނައިގެން، ތަންކޮޅެއް ފުޅާކުރަން. އެއީ، އެހާގިނަ ރަށްރަށުން، އެހާގިނަ ކަނބަލުން އެދިވަޑައިގަންނަވާ އަދި ޑަބްލިޔޫ.ޑީ.ސީ.ތަކުން ރަސްމީކޮށް ބައްދަލުވުމުގައި ހުށަހަޅުއްވާ ކަމެއް މިއީ. އަޅުގަނޑު ގަސްތުކުރަނީ ބަޖެޓް ހަދާއިރުގައި އެއަށް ވިސްނައިގެން، މި އަންނަ އަހަރުގެ ތެރޭގައި، ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓުތައް ހެދޭނެކަހަލަ ގޮތަކަށް އެ މަޝްރޫޢު ބައްޓަންކުރަން. އެހެންވީމާ، މި އަހަރުގެ ތެރޭގައި ކުރެވެން ހުރިވަރަކުން ގިނަ ރަށްތަކެއްގައި އެ މަސައްކަތް ކުރާނަން، ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން. އެކަމަކު އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ހޭންޑްބޯލް ކޯޓުތައް އަދި ވޮލީބޯލްވެސް ހިމެނޭގޮތަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނަން. ކަނބަލުން އެހާ ބޮޑަށް ބޭނުންވޭ، ހޭންޑްބޯލް ކޯޓުތައް އަދި އިންޑޯ ޖިމް ހަދަން.

އެހެންވީމާ، މި ދެންނެވި ގޮތަށް، ފިޓްނަސް އެންޑް ރެކްރިއޭޝަން ދާއިރާއިން އަދި ކުޅިވަރުގެ ދާއިރާއިން، މިކަހަލަ ތަފާތު ފެސިލިޓީތައް ޤާއިމުކޮށްދިނުމަށް މި އަންނަ އަހަރަށް ވިސްނައިގެން އަޅުގަނޑުމެން މި އަހަރު މަސައްކަތްތައް ކުރާނަން. މި އަހަރުގެ ތެރޭގައި، މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެންހުރި ހުރިހާވަރަކަށް ބަލައިގެން، އަދި އަޅުގަނޑުމެންނަށް ލިބޭ އެކިކަހަލަ ފައިނޭންސިންގ، އެކިކަހަލަ މާލީ ފުރުޞަތުތަކުގެ ތެރެއިން އަޅުގަނޑުމެން ބަޖެޓުގެ ތެރޭގައި އަދި ނެތަސް، ޤާނޫނީ އިމުގެ ތެރެއިން ކުރެވެން ހުންނާނެ ކަންކަން އެބަހުރި. އެ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން. އެކަމަކު މި އަންނަ އަހަރަށް އަޅުގަނޑު ގަސްތުކުރަނީ، މި ދެންނެވި ގޮތަށް، ވީހާވެސް ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓުތަކާއި، އަދި އެކަހަލަ ކޯޓުތައް ޤާއިމުކުރުމުގެ މަޝްރޫޢުތަކެއް ހިންގަން.

މި ދަންނަވާ ވާހަކައަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، އެކި ރަށްތަކުގައި މި ރަށް ހިމެނޭހެން އެކަހަލަ ތަފާތު ކުޅިވަރު ފެސިލިޓީޒްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކުރާނަމޭ.

އާދެ، މި ރަށަށް އޭ.ޓީ.އެމް.އެއްގެ ޚިދުމަތް ބޭނުންވާ ވާހަކަވެސް ފާހަގަކުރައްވާފައި އެބައޮތް. އަދި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، ކުޑަކުދިންގެ ޕާކެއް ހެދުމުގެ ކަންތައްވެސް އެބައޮތް ފާހަގަކުރައްވާފައި. އަޅުގަނޑު ބައެއް ކުޑަކުދިންނާ ސަފުގައި ސަލާން ކުރަމުންދިޔައިރުވެސް، ތަންކޮޅެއް ސިއްރުންވެސް އެ ވާހަކަ ބުނި. ކުޑަކުދިންގެ ޕާކެއް ވަރަށް ބޮޑަށް ބޭނުމޭ. އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައިވެސް ކަނޑައަޅާފައި އޮތް ކަމެއް އެއީ، ކޮންމެ ރަށެއްގައިވެސް، ވަކި ރަށެއް ނޫން. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ކުޑަކުދިންގެ ޕާކު ހަދައިދިނުން. އެހެންވީމާ، އެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އެކަމަށްޓަކައި ކުރަންޖެހޭ އެކިކަހަލަ ފަންނީ، އިދާރީ މަސައްކަތްތައް ހުންނާނެ. ކޮންމެ ރަށެއްގައިވެސް، ވަކި ރަށެއްގައެއް ނޫން. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ އާބާދީއާއި އަދި އާބާދީ އިތުރުވާ މިންވަރަށް ވިސްނާފައި، މި ހުރިހާ ކަމަކަށް ވިސްނައިގެން އަޅުގަނޑުމެން އިންވެސްޓް މިކުރަނީ. ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ސައިޒުން ކުޑަކުދިންގެ ޕާކް، އަދި މި ދެންނެވި ކަހަލަ އެކި ކުޅިވަރުގެ ފެސިލިޓީޒްތައް ޤާއިމުކުރަން ކަނޑައެޅިފައި އޮތީ. އެހެންވީމާ، އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދެވޭނެ.

އަނެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުނި މެނޭޖް ކުރުން. ކުނި މެނޭޖް ކުރުމުގައި ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރަން ޖެހިފައި އެބައޮތް. ވަރަށްބޮޑު މަސައްކަތްތަކެއް. މި ރަށުގައިވެސް އެގޮތަށް އެބައޮތް ކުރަން ޖެހިފައި. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ މިހާރު. ކުނި މެނޭޖް ކުރުން، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތައިލެވޭނެގޮތް ހެދުން. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ވަރަށްފުޅާ ގޮތެއްގައި ގިނަ ރަށްތަކަކަށް ބޭނުންވާ ކަމަކަށްވީމަ، އެބަ ޕްލޭންތަކެއް ކުރެވި، އެއަށް ފައިނޭންސް ރެއިޒް ކުރެވޭނެ ގޮތްތަކާއި، މިހާރު ލިބޭ އާމްދަނީގެ ތެރެއިން މި އަހަރުގެ ތެރޭގައި ކިތައް ރަށުގައިތޯ މި މަޝްރޫޢު ގެންދެވޭނީ. އެކަމަށް އެބަ މަސައްކަތްތަކެއް ކުރެވޭ. ބަޖެޓުގައި ހިމެނިފައި ހުރި ރަށްތަކުގައި އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައިވެސް މަސައްކަތް އެބަ ކުރަން. އެހެންވީމާ، އެކަންވެސް ހަމަ މި ދަންނަވާލީ. ތިޔަބޭފުޅުންވެސް އެބައޮތް އެކަން ފާހަގަކުރައްވާފައި.

އާދެ، ޖުމްލަ ގޮތެއްގައި މި ދެންނެވި ހުރިހާ ކަންތައްތަކެއް މިވަނީ ފާހަގަކުރެވިފައި. އަދި އެހެން ކަމެއް ފާހަގަކުރެވިފައިވޭ. މި އަތޮޅުގެ ހަމަ ހުރިހާ ކައުންސިލަކުން ކަހަލަ ގޮތަކަށް، އަތޮޅުގައި މިއޮތް ފެރީގެ ޚިދުމަތުގެ ވާހަކަ. އެ ފެރީގެ ޚިދުމަތް ވަރަށް ފެންވަރު ދަށް ވާހަކަ ވަނީ ފާހަގަކުރައްވާފައި. އަޅުގަނޑުމެން މި އަތޮޅުގައްޔާއި، ނ. އަތޮޅުގައްޔާއި،
ރ. އަތޮޅުގައި އަދި ބ. އަތޮޅުގައި، މި އަތޮޅުތަކުގައި އާރު.ޓީ.އެލް.ގެ ފެރީގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމާފައިވާނެ. މި ޚިދުމަތް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަރަށްބާރު ސްޕީޑްގައި ގެންދާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ވީހާވެސް އަވަހަކަށް އެކަން ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރާ ވާހަކަ ދަންނަވަން.

އާދެ، މިކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. އެއްވެސް ކަމެއް، ވަކިކަމެއް ފާހަގަނުކުރާކަށް ނޫން. ޖުމްލަކޮށް ހަމަ މި ދަންނަވާލީ. މި ރަށުގެ ތަރައްޤީއަށްޓަކައި މި ކުރަންހުރި ހުރިހާ މަސައްކަތްތަކުގައި، އަޅުގަނޑުމެން އާމްދަނީ އިތުރުކުރަމުން، ބޭކާރު ޚަރަދުތައް، ކުރިން ކުރަމުންދިޔަ ޚަރަދުތައް ހުއްޓާލައި، އިޤްތިޞާދު ފުޅާކުރަމުން، އަޅުގަނޑުމެން ކަންތައްތައް ކޮށްދޭނަމޭ.

އަޅުގަނޑުމެންނާ އިޤްތިޞާދު ހަވާލުވިއިރުގައި އޮތީ ކޮން ހާލެއްގައިކަން ވަރަށް ސާފުކޮށް އެބަ އެނގޭ. ބޭރަށް ދައްކަންހުރި ފައިސާ، ދަރަނި، ސަތޭކަ ވިހި ބިލިއަން ރުފިޔާ، ސަތޭކަ ވިހިހާސް މިލިއަން ރުފިޔާގެ ދަރަނި. ތިޔަބޭފުޅުންވެސް ހިމެނޭހެން، އެކި ރަށްތަކުގެ ރައްޔިތުންގެ ކުދިކުދި ކުންފުނިތައް ލައްވައި މިނިސްޓްރީތަކުންނާއި، ސަރުކާރުގެ ކުންފުނިތަކުން ކުރުވާފައި ހުރި މަސައްކަތުގެ ބިލުތަކުގެ ޢަދަދު، 9 ބިލިއަން، އެއީ، 9000 މިލިއަން ރުފިޔާ ދައްކަން އޮތީ. އަޅުގަނޑުމެންނާ މަސައްކަތް ހަވާލުވިއިރު. މި ދެންނެވި 9000 މިލިއަން ރުފިޔާއަކީ، ދިވެހި ރައްޔިތުންގެ ފައިސާއިން. ރައްޔިތުންނަށް ދޭންހުރި ބިލު، މަސައްކަތް ކުރުވާފައި. އޭގެތެރޭގައި، ދެބައިކުޅަ އެއްބަޔަކީ ފެނަކައިން އެކި މީހުންނަށް ދަރާފައި ހުރި ފައިސާ. އިއްޔެ ފެނަކައިގެ އެމް.ޑީ. އެ ވާހަކަ ވިދާޅުވެލެއްވި. 4.2 ބިލިއަން ރުފިޔާ. މި 9 ބިލިއަންގެ ތެރެއިން. އެހެންވީމާ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ފެނަކަ. މިސް މެނޭޖްކޮށްގެން ފެނަކަ އެކީގައި ސުންނާފަތިކޮށްލައި އެވަނީ އެކަން ކޮށްފައި.

އެހެންވީމާ، ރައްޔިތުންނަށް ދޭންހުރި ފައިސާ ދައްކަމުން، ބޭރުގެ އެކިކަހަލަ ލޯނުތަކަށް ފައިސާ ދައްކަމުން މިދަނީ. އަދި އެކަން މިކުރަނީ ފައިސާ ޗާޕްނުކޮށް. އަޅުގަނޑު ވަޢުދުވިން، ދެން ފައިސާ ޗާޕެއް ނުކުރާނަމޭ. ފައިސާ ޗާޕްކުރުން ހުއްޓާލާފައި މިހާރު ވާނީ. އެކަން ހުއްޓާނުލިނަމަ، އަޅުގަނޑުމެންގެ ޤައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ. ޑޮލަރުގެ އަގު އަރައިގެންދާނެ، 20 ރުފިޔާއަށްވުރެވެސް މައްޗަށް. އެހެންވީމާ، ފައިސާ ޗާޕްކުރިނަމަ، އިޤްތިޞާދު އެކީގައި ހަލާކުވީސް.

އެހެންވީމާ، އަޅުގަނޑުމެން ނިންމި އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ފައިސާ ޗާޕްކޮށްލިނަމަ. އެ 9 ބިލިއަން ރުފިޔާއަށްވާވަރަށް ފައިސާ ޗާޕްކޮށްލިނަމަ، އެކަންވެސް ހަމަޖެހުނީ ނޫންތޯ. އެކަމަކު އެކަން ނުކުރީ ދިވެހި ރައްޔިތުންގެ ޙައްޤުގައި. އިރާދަކުރެއްވީތީ އޭގެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ. އަޅުގަނޑުމެންގެ ފައިސާގެ އަގު، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ މި ރޭޓް ތިރިވެ، އިރާދަކުރެއްވިއްޔާ އިޤްތިޞާދު ރަނގަޅުވަމުންދާނީ. މިހާރު އޭގެ އަސަރު އެބަ ފެނޭ. އަދި އަޅުގަނޑުމެން ދައްކަންހުރި ދަރަނި ދައްކަން ހަދާފައި އޮތް ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ކުރިން ހުންނާނީ ޑޮލަރު. 2018 އާ ހަމަޔަށް އައިއިރުގައި. 2023 ނިމުނުއިރުގައި އެއަކު ނެތް ޑޮލަރެއް. އެ ޑޮލަރުކޮޅުވެސް މާރުކޮށްލީ. ދެން އަޅުގަނޑުމެން މިހާރު 30 މިލިއަން ޑޮލަރު އެއަށް ޖަމާކޮށްފިން. މިދިޔަ ތިންމަސް ތެރޭގައި 30 މިލިއަން ޖަމާވެއްޖެ. ދެން މި އަހަރުގެ، އިރާދަކުރެއްވިއްޔާ މިދާ ސްޕީޑްގައި ގޮސް، މި އަހަރު ނިމޭއިރު، 100 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު އެ ފަންޑަށް ޖަމާވާނެ ކަމަށް ގަބޫލުކުރެވޭ. 2025 ގައި ވަރަށް ގިނަ ޢަދަދެއްގެ ދަރަނި ބޭރަށް ދައްކަން އެބަހުރި. 2026 ގައި އަދި އެއަށްވުރެ ބޮޑެތި ދަރަނި ދައްކަން އެބަހުރި. އެހެންވީމާ، އެ ފަންޑަށް އެބަޖެހޭ ފުދޭވަރަކަށް ޑޮލަރު ޖަމާކުރަން.

ދެން ކުރީގައި އެކަން ކުރިގޮތަށް ފުރުޞަތު ނުދޭން، އަޅުގަނޑުމެން އެ ފަންޑު ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނެއްވެސް ހަދަން ނިންމިން. އެއީ، އަޅުގަނޑުވީ ވަޢުދެއް. މިހާރު ވާނެ ބިލެއް ހަދާފައި، މަޖިލީހަށް ފޮނުވާފައި. އަޅުގަނޑުމެން ހުށަހެޅި އެންމެ ފުރަތަމަ ބިލަކީވެސް އެ ބިލު، ދިވެހި ރައްޔިތުންގެ ޙައްޤުގައި. އެންމެ އިސްކަންދިނީވެސް އެ ބިލު ހަދަން. އެހެންވީމާ، އެ ބިލު މިހާރުވާނީ މަޖިލީހަށް ވައްދާފައި. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލު. އަދިވެސް ވަރަށްގިނަ ބިލުތައް ހަދާފައި ވައްދަމުން މިދަނީ. އެހެންވީމާ، މިގޮތަށް އިޤްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް މި ކުރަނީ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަވަހަށް ނިންމަން ބޭނުންވަނީވެސް، އެއީ، އިޤްތިޞާދީ ގޮތުން ލަފްޒީ މާނައިގައިވެސް، ހުރިހާ މާނައެއްގައިވެސް މައި ދޮރާށްޓަށްވާތީ. އެ ދޮރާށި އަވަހަށް ހަދައި ނިންމައި ހުޅުވައިލެވުނު ވަރަކުން އަޅުގަނޑުމެންނަށް އިޤްތިޞާދު އިތުރަށް ދެން ފުޅާވާނީ. ޓޫރިޒަމް އިތުރުވާނީ، އެ ދޮރާށި އަވަހަށް ހުޅުވީމަ. އެހެންވީމާ، އިރާދަކުރެއްވީތީ އެ މަސައްކަތް ވަރަށް ބާރަށް އެބަ ގެންދަން. އަދި އެއާ އެކީގައި، އިތުރު ރިޒޯޓުތައް ހެދުމުގެ ފުރުޞަތުވެސް މިދެނީ. ހަދަން ފަށައި ނުނިމިފައި ހުރި ރިޒޯޓުތައް ނިންމަންވެސް އެކިކަހަލަ އިންސެންޓިވްސް ދިނުމުގެ މަސައްކަތް އެބަ ގެންދަން. އޭރުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ. އަޅުގަނޑުމެންނަށް ޓީ.ޖީ.އެސް.ޓީ. އިތުރަށް ލިބިގެންދަނީ. އިތުރު ގޮތްގޮތުން އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެގެންދާނީ. އިޤްތިޞާދުގައި ބުންވަރުޖެހޭވަރަކުން ޓޫރިޒަމް ދާއިރާގައިވެސް އިންވެސްޓް ކުރާނެ މީހުން ވާނެ. އެ އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބޭވަރަކުން އިންވެސްޓް ކުރަމުންދާނީ.

ހަމަ އެއާއެކީގައި، މަސްވެރިކަމުގެ ދާއިރާއަކީ، މި ރަށަށް އެންމެ މުހިންމު ދާއިރާ. މަސްވެރިކަމުގެ ދާއިރާ އޮތީ އެކީގައި އިނދަޖެހިފައިކަން މަސްވެރިންވެސް އަދި ދިވެހި ރައްޔިތުންވެސް ގަބޫލުކުރާނެ. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި 240 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހުރީ މަސްވެރިންނަށް ނުދީ. އެއްކަލަ 9000 މިލިއަންގެ ތެރޭގައި އެވެސް ހިމެނޭ. އެ ފައިސާ ދައްކައިފިން. އިތުރަށްވެސް މިހާރު ގާތްގަނޑަކަށް 400 މިލިއަން ދައްކައިފިން. މަސްވެރިން މަސްބާނާވަރަކުން މިފްކޯއިން ދައްކަންޖެހޭ ފައިސާ. އަދި ބާކީހުރި ފައިސާވެސް ދައްކަމުން މިދަނީ. އެއީ، އަޅުގަނޑުމެން ވަޢުދުވީގޮތަށް. އަޅުގަނޑު ވީ ވަޢުދުގައި އޮންނާނީ، 48 ގަޑިއިރުގެ ތެރޭގައި، ފައިސާ ދެއްކުމޭ އަޅުގަނޑުމެންގެ ޓާގެޓަކީ. އެ ހިސާބަށް ރީޗްވާން މި މަސައްކަތް މިކުރަނީ. އެކަމަކު މިފްކޯވެސް އޮތް ޙާލަތުގެ ސަބަބުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތް މިކުރަނީ.

އެހެންވީމާ، ކުންފުނިތައް ވަރުގަދަކޮށް، މިފްކޯވެސް ހިމެނޭހެން، ފެނަކައާއި، އާރު.ޑީ.ސީ.އާއި، މިއިން ކޮންމެ ކުންފުންޏެއް ހިނގައިނުގެނޭވަރަށް އޮތީ އަނދަވަޅަކަށް ވެއްޓިފައި. ބިލުތަކުގެ މައްޗަށް ބިލު. މިހާރު ކޮންމެ ދުވަހަކުހެން އެބަގެނޭ، ކުންފުނިތަކުގެ މީހުން. ގެނެސް އެ މީހުންނަށް އެބަ ޔަޤީންކަން ދެން، މިވެނި ދުވަހަކާ ހަމަޔަށްދާއިރަށް، މިވެނިވަރެއް ދައްކައިދޭނަމޭ. ކިޔާފައި ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި ބަލަނީ، މިކަންކަން މެނޭޖް ކުރެވޭތޯ. ފައިސާ ދައްކަމުން، ތާވަލެއްދީގެން، އެކަހަލަ ގޮތަކަށް މި ބަލަނީ، ހުރިހާ ބިލުތަކަށްވެސް ފައިސާ ދެއްކޭތޯ.

އެހެންވީމާ، ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުން ބޭކާރު އިސްރާފު ކުރުން ހުއްޓާލައި، މިކަންކަން މިކުރަނީ. މިހާރު ސަރުކާރުގެ މިނިސްޓްރީއަކުން ވިޔަސް، އަދި ކުންފުންޏަކުންވެސް ބޮޑެތި އިވެންޓްތަކެއްވެސް ނުބާއްވާނެ. އަޅުގަނޑުމެންވެސް ހަމަ ފުރަތަމަކޮޅު ބޭއްވިން ބައެއް އިވެންޓްސްތައް. އެކަމަކު މިހާރު އަޅުގަނޑު ވާނީ ހުއްޓާލާފައި އެކަންތައްވެސް. މިލިއަނުން ޚަރަދުކޮށްގެން އިވެންޓްތައް ބޭއްވުމާއި، އެތައް މިލިއަން ޚަރަދުކޮށްގެން ބޭރުގެ ދަތުރުތައް ކުރުމާއި، މިކަހަލަ ކަންކަމެއް މިހާރު އަޅުގަނޑުމެން ނުކުރާނެ. ވީވަރަކުން މިކަހަލަ ކަންކަމަށް ކުރާ ޚަރަދު، އިސްރާފު ކުޑަކުރަން ނިންމައިގެން.

އެހެންވީމާ، މި ބަލަނީ ވީވަރަކުން ޚަރަދުތައްވެސް ކުޑަކޮށް، އަދި ކުންފުނިތައްވެސް ވަރުގަދަކޮށްގެން އާމްދަނީ އިތުރުކުރަން. އާމްދަނީ އިތުރުކުރުމަށްޓަކައި މަސްވެރިކަން މި ވަރުގަދަ ކުރަނީ. މަސް ފެކްޓްރީތައް އެޅުމަކީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް. މި އަތޮޅުގައިވެސް މަސް ފެކްޓްރީއެއް އެޅުމަށް ނިންމާފައި އޮންނާނީ. އަދި ސްޓޯރ ކުރެވޭނެ، ކޯލްޑް ސްޓޯރޭޖްތައްވެސް ޑަބަލް ކުރުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ޓާގެޓް.

އެކަހަލަ ވަރަށްގިނަ ކަންކަން، މަސްވެރިކަމުގެ ދާއިރާއިންވެސް ހުންނާނީ ކަނޑައަޅާފައި. ހަމަ އެއާއެކީގައި، ތެލަށްކުރާ ޚަރަދު ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ތެލަށްކުރާ ޚަރަދު، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި 33 ޕަސެންޓަކީ ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ކުރާ ކަމަކަށް ހެދުމަށް، އެ ޚަރަދު ކުޑަކުރުމަށްވެސް ޓާގެޓް ކަނޑައަޅައި، އެކަމަށްވެސް މަސައްކަތްތަކެއް އެބަ ކުރަން. އެހެންވީމާ، މިގޮތަށް މި މަސައްކަތްތައް ކުރެވިގެން މިދަނީ.

ދަނޑުވެރިކަމުގެ ދާއިރާއިން ބަލާއިރުވެސް ދުވަހަކުވެސް އަޅައިލެވިފައި އޮތް ދާއިރާއެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރަންޏާ، އެއީ، ކޮންމެހެން އަޅައިލަން ޖެހިފައި އޮތް ދާއިރާއެއް. ބޭރުން އެންމެ ބޮޑަށް އިމްޕޯޓް ކުރާ އެކައްޗަކީ ކާތަކެތި. ރާއްޖޭގައި އުފެއްދޭ އެއްޗެތިވެސް ބޭރުން ގެންނަނީ. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ވަކި ޚާއްޞަ މިނިސްޓްރީއެއް އެކަމަށް އުފައްދައިގެން އެ މަސައްކަތް ކުރަން. ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް، އެއީ، ޢާންމުކޮށް ކާން ބޭނުންކުރާ ހުރިހާ ބާވަތެއް، މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދުމުގެ ޓާގެޓް ކަނޑައަޅައިގެން. އެކަމަށް އެތައް މަސައްކަތްތަކެއް މިހާރު މިވަނީ ފަށާފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމުގައި، ކުރިއެރުން ހޯދާފައި ހުރި ރަށްރަށަށްވެސް އިސްކަންދީގެން، އެކަންކަން ކުރަން ނިންމާފައި، އެތައް މަސައްކަތްތަކެއް ފެށިފައި ވަނީ.

މިދޭތެރެއިން އަޅުގަނޑުމެން ޗައިނާއަށް ކުރި ސްޓޭޓް ވިޒިޓްގައި ސޮއިކުރި އެއް އެމް.އޯ.ޔޫ.އަކީވެސް އެކަމާ ގުޅޭ އެމް.އޯ.ޔޫ.އެއް. އެހެންވީމާ، ދަނޑުވެރިކަމުން އަޅުގަނޑުމެން މިގޮތަށް އިންވެސްޓް ކުރީމަ، އަދި އިންވެސްޓަރުންނަށް އެ ފުރުޞަތު ދިނީމަ، ދެން މިކަމުގެ ނަތީޖާ ފެންނަ ހިސާބަށް ދިޔައިމަ، އަޅުގަނޑުމެން ބޭރުން އެ އިމްޕޯޓް ކުރަންޖެހޭވަރު ކުޑަވާނެ. އަދި ޓޫރިޒަމް ދާއިރާއިންވެސް އެތައް ރިޒޯޓެއް މިއޮތީ. ހުރިހާ ރިޒޯޓުތަކަށްވެސް މި ތަކެތި ބޭރުން ގެންނަނީ. އެހެންވީމާ، ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް އުފައްދައި، ދެވަނަ ޓާގެޓެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާވަރަށްވެސް ރާއްޖެއިން އުފެއްދޭ ކާބޯތަކެތި، ރާއްޖޭގައި އުފެއްދޭ ހިސާބަށް ގެނދެވިއްޖިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އެހެންވީމާ، އެ ޕްލޭންގައި، އެ އަމާޒަށް މި މަސައްކަތްތައް މި ކުރަނީ.

އަޅުގަނޑު މިކަންކަން މިހާ ތަފްޞީލުކޮށް ކިޔައިދޭން މި ބޭނުންވަނީ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާގޮތް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެތީ. އޭރުން މި ކުރެވެނީ ކޮން ކަމެއްކަމާއި، މި ދެވެނީ ކިހާ ހިސާބަކަށް ކަމާއި، މިކަންކަން ސާފުކޮށް އެނގޭނެ. އެހެން މީހުން އަރައި، އެއްވެސް ޙަޤީޤަތެއް ނެތް، އެއްވެސްވަރެއްގެ އަސާސެއް ނެތް ދޮގުތައް ހެދީމަ، އެކަންކަން ގަބޫލުނުކޮށް، އެކަންކަން ދޫކޮށްލަން ފަސޭހަވާނީ ތެދު ޙަޤީޤަތް އެނގުނީމަ. އެހެންވީމާ، އެ ވާހަކަތައް މި ދަންނަވަނީ. މި ކުރެވޭ ހުރިހާ މަސައްކަތެއްގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.

މިއަދު އަޅުގަނޑާ ބައްދަލުކުރި، ޗައިނާގެ ސަރުކާރުން ފޮނުއްވި ވަރަށް އިސް ދެ ބޭފުޅަކު. އެއް ބޭފުޅަކީ، ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް، އެގްޒިމް ބޭންކުގެ ރައީސް. ޗައިނާގެ އެގްޒިމް ބޭންކަކީ، ވޭތުވެދިޔަ އެތައް އަހަރަކު ރާއްޖެއަށް ވަރަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކެއް. މިސާލެއްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް. އެ ބުރިޖުގެ ލޯން ކޮމްޕޯނެންޓް އެއީ، އެގްޒިމް ބޭންކުން ދިން ލޯނެއް. އޭގެ ބޮޑުބައި އެއީ ހިލޭ އެހީ. ލޯން ކޮމްޕޯނެންޓް އެއީ، އެގްޒިމް ބޭންކުގެ ލޯނެއް.

ރާއްޖޭގައި ވެލާނާ އެއަރޕޯޓުގެ ރަންވޭގެ ބޮޑު ކޮމްޕޯނެންޓެއް، މިހާރު ހަދަމުން އެދާ ޓަރމިނަލް އެއީ، އެގްޒިމް ބޭންކުގެ ލޯނުން ހެދޭ ތަނެއް. ހުޅުމާލޭގައި ހަދާފައި ހުރި ހައުސިންގ ޔުނިޓުތަކުގެ ބޮޑު ޢަދަދެއް އެއީ، އެގްޒިމް ބޭންކުގެ ލޯނު. އެހެންވީމާ، އެ ބޭފުޅުން ރާއްޖޭގެ ޑިވެލޮޕްމަންޓްގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރޭ. އަޅުގަނޑު މިއަދު އެ ބޭފުޅުންނާ ބައްދަލުކޮށްފައި، ރައީސާ ބައްދަލުކޮށްފައި ދެންނެވިން، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތް ތިރީސް ހާސް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަޝްރޫޢުގައި، އެ މަޝްރޫޢަށް ފައިސާ ހޯދުމުގައި ރައްޔިތުންނަށް އޭގައި ދުރު ރާސްތާއަށް، ލުއި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް. މިކަހަލަ މުހިންމު މަޝްވަރާތަކެއް މިއަދު ކުރެވިގެންދިޔައީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އޭގެ ފޮނި ނަތީޖާ ފެންނާނެ.

ދެވަނައަށް ބައްދަލުކުރީ، އެ ބޭފުޅުންގެ ސަރުކާރުގެ މިލިޓަރީ ވަރަށް އިސް ފަރާތަކާ. އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި، ޢަސްކަރީ ދާއިރާއިންވެސް އަބަދުވެސް ގުޅުން އޮވޭ. އިއްޔެ ޑިފެންސް މިނިސްޓަރާއި އެ ބޭފުޅުންގެ އެ މޭޖަރ ޖެނެރަލާ ދެފަރާތުން ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި. އެއީ، ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކިކަހަލަ ތަމްރީނުތައް ދިނުމާއި، އަދި ނޮން ލީތަލް، ލީތަލް ނޫން އެކިކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. އެހެންވީމާ، މީގެ ސަބަބުން ދިފާޢީ ބާރަށް އިތުރު ތަމްރީނުތަކާއި، ޓެކްނިކަލް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރެވިގެންދާނެ.

މި މަސައްކަތްވެސް މިކުރެވެނީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރުމަށްޓަކައި. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވަރުގަދަކޮށް، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން. އެހެންވީމާ، މި މަސައްކަތް މިގޮތަށް މި ކުރިއަށް ގެންދެވެނީ އެގޮތުން.

އާދެ، އަޅުގަނޑު ހަމަ އެއް ވާހަކައަކަށް ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މި ސްކޫލްތަކުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް. ޚާއްޞަކޮށް، ކިޔަވާ ކުދިން. ކިޔަވާ ކުދިންނާއި އަދި ޓީޗަރުންވެސް އެދޭ އެއް ކަންތައް. ކްލާސްރޫމްތައް ވަރަށް ހޫނުކޮށް ހުންނަ ވާހަކަ. އޭ.ސީ. ކޮށްދޭން އެދޭ ވާހަކަ. މިއީކީއެއް ކޮންމެ މަހަކު ކަރަންޓް ބިލް ދައްކަން ބަލާއިރު، ދެކޮޅުޖެހޭނެ ކަމަކަށްވެސްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ، މި އަންނަ އަހަރުން ފެށިގެން ސޯލަރ ޕަވަރ ބޭނުންކުރެވޭ ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްސްތަކެއް، ހުރިހާ ސްކޫލެއްގައި ހިންގަން. ހިންގައިގެން، އެއާ ގުޅުވާލައިގެން، އޭ.ސީ. ކުރަން ބޭނުންވާ ސްކޫލްތަކަށް އެ ފުރުޞަތު ދޭން. އޭރުން ފުރަތަމަ ކުރާ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ވާނީ. ދެން އެއިން ލިބޭ ހަކަތައިން ކްލާސްރޫމްތައް ދެމެހެއްޓެނިވި ގޮތެއްގައި އޭ.ސީ. ކުރެވިގެންދާނެ. އެހެންވީމާ، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފަށަން ގަސްތުކުރާ ވާހަކަ ދަންނަވާލަން.

އާދެ، އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި ރައްޔިތުން އެދޭ ހުރިހާ ކަމަކަށް މި ބަލަނީ އިރާދަކުރެއްވިއްޔާ ޖަވާބު ދެވޭތޯ. ނަތީޖާ ނެރުމަށްޓަކައި މަސައްކަތްތައް މިކުރަނީ. ކައުންސިލްތަކާ ބައްދަލުކުރަނީ އެ ބޭނުމުގައި. ކައުންސިލްތަކުން އެދޭ ކަންތައްތަކަކީ، ރައްޔިތުންގެ ކިބައިން އެދޭ ކަންތައްތައް. އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކުރިއަށް ގެންދަން. ކައުންސިލްތައް މެދުވެރިކޮށް ކަންކަން ކުރަން. ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދޭން ބޭނުންވަނީވެސް އެހެންވެ. ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ރަށްތައް ފޯރުކޮށްދޭންވެސް މި ގަސްތުކުރީ އެހެންވެގެން. އެހެންވީމާ، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން، ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށްވެސް ކައުންސިލްތަކަށް ފިޔަވަޅުއަޅައި، ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތިކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން.

އެކަހަލަ އެއްވެސް ކަމެއް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީންވެސް ކުރުމަކީ އަޅުގަނޑު ތާއީދުކުރާނެ ކަމެއް ނޫން. އެހެންވީމާ، އެކަހަލަ އެއްވެސް ކަމެއް، ސަރުކާރުގެ ފަރާތުންނެއް އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ. ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކީގައި، ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރަން އޮތް ފަރާތެއް ކަމުގެ ފުރިހަމަ ހައިސިއްޔަތު އަޅުގަނޑުމެން ދޭނަން. އެގޮތުގައި ކުރިއަށްދާނީ.

އެހެންވީމާ، މިއަދާ ހަމަޔަށްވެސް މި ހުރިހާ ކައުންސިލްތަކާ ބައްދަލުކޮށް، މި ކުރެވޭ މަސައްކަތަކީ، ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ ފަރާތުން ތިބި މަންދޫބުންނަށް ފުރިހަމަ ބާރުވެރިކަން ދިނުމަށްޓަކައި ކުރާ މަސައްކަތްކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. ހަމަ އެއާއެކީގައި، ޑަބްލިޔޫ.ޑީ.ސީ.ތައްވެސް. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ، މިވަގުތު ޙަޤީޤަތުގައި ނަމެއްގެ ގޮތުގައި މާބޮޑު ބާރެއްނެތި އުފައްދާފައި އޮތް ކޮމިޓީތަކެއް. ޤާނޫނު ހަދާފައި އޮތް ގޮތުން އެހެން އެކަން ވެފައި އެއޮތީ. ޤާނޫނުގައި ނެތް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށެއް ބާރެއް. މުވައްޒަފުންގެ ގޮތުގައި، ނޫނީވިއްޔާ މުސާރައެއް ލިބޭ ބައެއްގެ ގޮތުގައެއް ނޫން ތިބެނީކީއެއް. އެކަމުގެ ސަބަބުން ރޯދަމަހުގެ އެލަވަންސެއްވެސް ނުލިބޭ. އެކަމުގެ ސަބަބުން ވިހެއުމުގެ ޗުއްޓީއެއްވެސް ނުލިބޭ. އަދި ބޭންކަށް ގޮސް ލޯނެއް ހޯދުމުގެ ފުރުޞަތެއްވެސް ނޯވޭ. އަދި އެ ލިބޭ ފަސް ޕަސެންޓުގެ ތެރެއިން އެލަވަންސްވެސް ދޭން މިޖެހެނީ. މިކަހަލަ ދެރަގޮތަކަށް ޑަބްލިޔޫ.ޑީ.ސީ.ތަކާ މެދުގައި ކަންތައްތައް ވެފައި މިއޮތީ ޤާނޫނުގައި އޮތް ގޮތުން. މަޖިލިސް ތެރެއިން ޤާނޫނަށް އިޞްލާޙު ގެނެވޭނީ. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން، މިއަށް ބަދަލުގެންނަން. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި، ކުރިއަށް އޮތް ތަނުގައި ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަކީ، މި ދެންނެވި ވިސްނުމުގައި، އަޅުގަނޑުމެންގެ ވިސްނުމުގައި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރާނެ މަޖިލީހެއް ކަމުގައިވަންޏާ، އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ އެއްކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ތަކުގައި، މި ދެންނެވި ކަންކަން އިޞްލާޙު ކުރުމަށްޓަކައި، ޤާނޫނަށް އިޞްލާޙު ހުށަހަޅައިގެން، އެ ލިބޭ ފަސް ޕަސެންޓަކީ، ހަމައެކަނި އަންހެނުންގެ ތަރައްޤީގެ މަސައްކަތް ކުރުމަށްޓަކައި ލިބޭ އެއްޗަކަށް ހަދައި، މުސާރަޔަކީ ވަކިން މުޅި ކައުންސިލްގެ ބަޖެޓުން ދޭ އެއްޗެއްގެ ގޮތުގައި ބަދަލުކުރުން. އަދި ރޯދަމަހުގެ އެލަވަންސާއި، ހުރިހާ ޗުއްޓީތަކާއި، މި ހުރިހާ ޢިނާޔަތްތައް ލިބޭނެގޮތަށް ޤާނޫނު ބަދަލުކޮށްދީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިރާދަކުރެއްވިއްޔާ ފުރިހަމަ ބާރުވެރިކަން ދޭނަން.

އެހެންވީމާ، އެކަން ކުރެވޭނީވެސް މަޖިލިސް އިންތިޚާބުގައި، ރައްޔިތުން ރަނގަޅު ވިސްނުމަކުން ކަންކަން ކުރައްވައިފިއްޔާ. މަޖިލީހަށް ވަރަށްގިނަ ބިލުތައް ހުށަހެޅިގެން މިދަނީ. ގެދޮރުވެރިކަން ފުރިހަމަގޮތުގައި ދިނުމަށްޓަކައިވެސް ގާތްގަނޑަކަށް ހައެއްކަ ބިލު އަޅުގަނޑުމެން އެބަ ހުށަހަޅަން. މިހާރުވެސް ބައެއް ބިލުތައް ހުށަހެޅިފައި ވާނެ. އެކަންކަންވެސް ކުރެވޭނީ، އަޅުގަނޑުމެންގެ ވިސްނުމުގައި މަސައްކަތް ކޮށްދޭނެ، ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ރައްޔިތުން ހޮއްވަވައި ދެއްވައިފިއްޔާ. އެހެން ނޫނީ ވާނެގޮތް، މި ތިންމަސް ތެރޭގައި ވާނީ ރައްޔިތުންނަށް ފެނިވަޑައިގެންފައި. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ރައްޔިތުން މިކަންކަމުގައި ހެޔޮގޮތުގައި ވިސްނާވަޑައިގަތުން.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މީދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި އަދި މި ދާއިރާގެ ހުރިހާ ރަށްރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައިވެސް އަޅުގަނޑުމެން މިގެންދާ ސިޔާސަތުގެ ތެރެއިން ކަންކަން ފަހިކޮށްގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ވަޢުދެއްވެސް ފުއްދައިދޭނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ކާމިޔާބީ ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.