بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކެންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހަވީރު ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކެމްޕެއިން ތެރޭގައި އަޅުގަނޑުވީ ވަޢުދުތައް ހަނދާން އެބަހުއްޓޭ. އަދި އެކަންކަން ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ އެ ހުރިހާ މަސައްކަތްތަކަކަށް ޢަމަލީ ސިފަ ގެނެސްދޭނަން. ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ޖައްސައި، ރައްޔިތުން އެދޭގޮތަށް އެ ހުރިހާ ކަމެއް ކޮށްދިނުމުގައި، އަޅުގަނޑުމެން ކުރިއަށް ގޮސް، އިރާދަކުރެއްވިއްޔާ އެކަންކަމުގައި އަޅުގަނޑުމެން ނަތީޖާ ނެރެދޭނަން.

އާދެ، މާގިނަ ވަގުތުނެތީމަ، ތަންކޮޅެއް ކުރުކޮށް ގެންދާނަން. އެއީ، މަޣުރިބު ނަމާދަށް ގޮވަން ގާތްގަނޑަކަށް ދިހަ، ބާރަވަރަކަށް މިނިޓް އޮތީމަ.

އާދެ، ޤައުމުގެ އިޤްތިޞާދު އޮތް ޙާލަތުގެ ވާހަކަ. އެއަށް ދާންޖެހޭ ކުރުކޮށްވިޔަސް. ދެންމެ ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ މުޢާޒް ވާހަކަފުޅު ދައްކަވަމުންދިޔައިރުގައި، އެ ވާހަކަ އަޑުއެހި، ބެއްލެވި ހުރިހާ ބޭފުޅުންނަށް އިޙްސާސްވާނެ، މި ރާއްޖޭގެ އިޤްތިޞާދު އޮތްގޮތް. ސަރުކާރުގެ ކުންފުނިތައް ވައްޓާލާފައި އޮތް އަނދަވަޅު. އަޅުގަނޑު އެ ވާހަކަ ދެއްކިން، މަގާމާ ހަވާލުވި ދުވަހު، ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި. އެއީ، ޤައުމުގެ ޙާލަތު އޮތް ހިސާބު. އެންމެ ބޮޑަށް ދަރުވާލާފައި އޮތް، އެންމެ ހާލުގައި އޮތް ކުންފުނި، ފެނަކަ. ދެންހުރި ގިނަ ކުންފުނިތައް އެބަހުރި، އެކި ޙާލަތުގައި ހުރި. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިތުރަށް ފައިސާ ޗާޕްނުކޮށް، އިތުރަށް ރުފިޔާގެ އަގު ވައްޓާނުލައި، އިޤްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް. ފައިސާ ޗާޕްކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރަންޏާ އޮޕްޝަނެއް ނޫން. އެކަން ކޮށްގެން ނުވާނެ. އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރަން ބޭނުމިއްޔާ، އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެހެންވެ، ކެމްޕެއިން ތެރޭގައި އަޅުގަނޑު އެ ވަޢުދުވީ. އެ ވަޢުދުވެ، އެކަން އެގޮތުގައި ކުރިއަށް މިގެންދަނީ. އޭގެ ބަދަލުގައި ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ވަރުގަދަކޮށް، ކުންފުނިތަކަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމުގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ ޤައުމަށް، އިޤްތިޞާދަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުކޮށް ފުޅާކުރަމުން މިގެންދަނީ.

ޓޫރިޒަމް ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، އަދިވެސް އެކިއެކި ފަންނުތަކުގެ ދާއިރާތައް ފުޅާކުރުމުގެ މަސައްކަތް މި ކުރަނީ. އެއަރޕޯޓުތައް ނިންމައި، އެއަރޕޯޓުތައް ހުޅުވައި، މި މަސައްކަތްތަކަށް އިސްކަން މިދެނީ އެހެންވެގެން.

އެހެންވީމާ، މި މަގުން މި މަސައްކަތް މި ކުރަނީ އަވަސް ސްޕީޑެއްގައި ރަނގަޅު މަގަށް އަޅުވާފައި، ބާރު ސްޕީޑްގައި އިޤްތިޞާދު ކުރިއަށް ގެންގޮސް، އިޤްތިޞާދުގައި އަޅުގަނޑުމެން ދައްކަންހުރި ދަރަނި ދެއްކޭނެ ބުންވަރު ޖެއްސުމަށްޓަކައި. އެ ސްޓްރެންތް، އެ ސްޓެމިނާ ގެނައުމަށްޓަކައި. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އެންމެ މުހިންމު މުއައްސަސާ، މިކަހަލަ ކަމެއް ދިމާވާ ޤައުމަކަށް އަބަދުވެސް ކަންކަމުގައި ލަފާދޭ ޖަމުޢިއްޔާއެއް އެއީ. އެފަރާތުން އެކަން ބަލައިގަނޭ. ރާއްޖެއިން އަޅުގަނޑުމެން އަމިއްލައަށް ނިންމި ނިންމުންތައް، އެއީ މި ޤައުމަށް، މި ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން ނިންމޭނެ އެންމެ ރަނގަޅު ނިންމުންކަން، އެ ބޭފުޅުން ރަސްމީކޮށް އެވަނީ އެންޑޯޒް ކުރައްވާފައި. އެހެންވީމާ، މި ގެންދެވެނީ އިރާދަކުރެއްވިއްޔާ ރަނގަޅު މަގުން. ކުރިއަށް އޮތީ ހެޔޮގޮތުގައި މީގެ ނަތީޖާ ފެންނަ ދުވަސްތައް.

މި ރަށުގައި ކުރަންހުރި މަސައްކަތްތައް. ބަނދަރުގެ މައްސަލަ، އެންމެ ބޮޑު މައްސަލަ. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގައި ބަނދަރު ހަދައިދޭނަން. ބިން ހިއްކުމުގެ މަސައްކަތްވެސް. އަދިވެސް އެތައް ކަންތައްތަކެއް. މި ރަށުގައި ކުރަން އެބަހުރި ވަރަށްގިނަ ކަންތައްތައް. ކައުންސިލްގެ މީޓިންގގައިވެސް އެ ވާހަކަތައް ޙިއްޞާކުރެއްވި. އަދި ކެމްޕެއިން ތެރޭގައިވެސް، އެކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވަޢުދު އަޅުގަނޑު ވެފައި ވާނެ. އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއް، އެއީ، މި ރަށުގެ ބަނދަރު މައްސަލަވިޔަސް، ބިން އިތުރުކުރުން ކަމުގައިވިޔަސް، މަގުތައް ހެދުން ކަމުގައިވިޔަސް، އަދި ދެންމެ މިސްކިތުގެ ވާހަކަ ފާހަގަކުރެއްވި. ދެ ބުރިއަށް މިސްކިތް ހެދުން. އޭ.ޓީ.އެމް.އެއް ބެހެއްޓުން. އިޖުތިމާޢީ މަރުކަޒެއް ޤާއިމުކުރުން. ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި ރޮސްޓްރަމް ހެދުމާ، ދެން މިހެންގޮސް އެބަހުރި ވަރަށްގިނަ މަސައްކަތްތައް.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި، ކުންފުނިތައް ހަރުދަނާކޮށްގެން، އިޤްތިޞާދު ވަރުގަދަކޮށްގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ތާވަލެއްގެ ތެރެއިން ޓެބިއުލޭޓް ކޮށްގެން، އަހަރުގެ ތެރެއަށް ބަހާލައިގެން، އަޅުގަނޑުމެން މަސައްކަތްތައް ރާވައިގެން މިގެންދަނީ. މިހާރު ގިނަ ރަށްތަކެއްގައި ހުންނާނީ، މިހެން ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ހިނގައިގަންނަން ފަށާފައި. އެއީ، ކީއްވެ ހިނގައިގަންނަން އެ ފަށަނީ؟ އަޅުގަނޑުމެން ފައިސާދޭން ފެށީމަ. ފެނަކައިގެ އެމް.ޑީ. ދެންމެ ފާހަގަކުރެއްވީ، ފެނަކައިން އެކި ފަރާތްތަކަށް ދޭންހުރި ދަރަނި، 4.2 ބިލިއަން، 4200 މިލިއަންގެ ވާހަކަ. އަޅުގަނޑު މި ދަންނަވަނީ، މުޅި ސަރުކާރުން ކުންފުނިތަކާއި މިނިސްޓްރީތަކުން ރައްޔިތުންނަށް ދޭން އެބަހުއްޓޭ، އެކި ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި، 9000 މިލިއަން ރުފިޔާ. އޭގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދޭން ޖެހިފައި މިއޮތީ ފެނަކައިން.

އެހެންވީމާ، މިހެންހުރި ބިލުތައް ދައްކަމުންދާވަރަކަށް ކުންފުނިތައް މޮބިލައިޒް ކުރަމުން، މަސައްކަތްތައް އެބަ ހިނގައިގަނޭ ރަށްރަށުގައި. މި ރަށުގައިވެސް އެގޮތަށް ހުއްޓިފައި ހުރި މަސައްކަތްތައްވެސް ހިނގައިގަންނަގޮތް ހެދޭތޯ މި ބަލަނީ.

އެހެންވީމާ، މިއީ މިއަދުގެ ޙާލަތު. މި ޙާލަތުން އަރައިގަތުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑަށް އަދި އަޅުގަނޑުމެންގެ ޓީމަށް ފުރިހަމަ ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި މި މަސައްކަތްތައް ކުރިއަށް ގެންގޮސް، އެކަންކަން ނިންމައިލެވޭނެކަން.

ބަޖެޓުގެ ތެރޭގައި، ބަޖެޓް ހެދިއިރުގައި، ބަޖެޓް ފާސްކޮށްދިންއިރުގައި، ހިނގަހިނގާ ހުރި މަޝްރޫޢުތައް ނުނިންމޭވަރަށް ކުދި ޢަދަދުތައް ޖަހާފައި ބަޖެޓް ފާސްކޮށްލާފައި އަޅުގަނޑަށް ދިން ނަމަވެސް، އެއީ، މިހާރު އޮތް މަޖިލީހުން ކުރެއްވި ކަމެއް. ވަރަށް ޒިންމާދާރުކަން ކުޑަކޮށް. އެހެންވިޔަސްވެސް އަޅުގަނޑުމެން މި މަސައްކަތްތައް މިކުރަނީ، މި އަހަރުގެ ތެރޭގައި، ގިނަ މަޝްރޫޢުތަކެއް ނިންމައިލެވޭތޯ. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަންކަން ދާނެ. ފެނަކައިގެ ޙާލަތުވެސް ރަނގަޅުކުރަމުން، އާރު.ޑީ.ސީ.ގެ ޙާލަތުވެސް ރަނގަޅު ކުރަމުން، އެމް.ޓީ.ސީ.ސީ.ވެސް، އެމް.ޑަބްލިޔޫ.އެސް.ސީ.ވެސް. ދެން މިހެންގޮސް ރަށްރަށުގައި އެކިއެކި މަސައްކަތްތައް ކުރާ ސަރުކާރުގެ ކުންފުނިތައް މިހިރީ. މި ހުރިހާ ކުންފުނިތަކެއްގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި އެކިއެކި މަސައްކަތް މިކުރަނީ. ސަބް ކޮންޓްރެކްޓްވެސް ކޮށްފައި އޮންނަނީ، މަލްޓިފޯލްޑްކޮށް. ސަބް ކޮންޓްރެކްޓަރު، އެހެން ކޮންޓްރެކްޓަރަކަށް، ސަބް ކޮންޓްރެކްޓަރު، އޭނަ އެހެން މީހަކަށް ސަބް ކޮންޓްރެކްޓް ދެނީ. ދެން އަޞްލު ކޮންޓްރެކްޓަރު ވީތަނެއް ނޭނގޭ ހިސާބަށްވެސް ކަންކަން ގޮސްފައި ހުރީ.

މިދިޔަ ސަރުކާރު ނިމިގެންދިޔައިރުގައި، މިހިރަ ގޮތްގޮތަށް ކަންކަން ގޮސްފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ދެންނެވިހެން އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން އައުމަށް، އެ އިންވެސްޓަރުންނަށް އިތުބާރު ޤާއިމުކޮށްދެނީ. އިންވެސްޓަރ ކޮންފިޑެންސް ޤާއިމުކޮށްދެނީ. އެ އިންވެސްޓަރ ކޮންފިޑެންސް ނުގެނެހެއް ދެނެއް ރާއްޖެއަކަށެއް އާމްދަނީ އިތުރެއްނުވާނެ.

ޓޫރިޒަމް ދާއިރާގައިވެސް، މިއީ ބައޮސްފިޔަރ ރިޒަރވެއް އޮންނަ އަތޮޅެއް. މުޅި އަތޮޅު. މި ޤުދުރަތީ ބައޮސްފިޔަރ ރިޒަރވްގެ ފުލް ބޭނުން، ކެޕިޓަލައިޒްކޮށް، އެ ރީތިކަމުގައި އޭގެ ބޭނުންކޮށް، ޓޫރިޒަމް އިތުރަށް ފުޅާކޮށް، އެކަންވެސް ކުރާނެ އިތުރު އިންވެސްޓަރުން އަންނާނީ، އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބިގެން. އެހެންވީމާ، އެ މަސައްކަތް މިކުރަނީ. މިގޮތަށް މި ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް ނަތީޖާ ނެރެދެވޭނެ ކަމަށް.

މި ރަށުގައިވެސް ހަމަ އެގޮތަށް އެތައް މަސައްކަތް މިހިރީ ކުރަން. ޞިއްޙީ ދާއިރާގައިވެސް ވަރަށް މުހިންމު މަސައްކަތްތަކެއް އެބަހުރި. ޞިއްޙީ މަރުކަޒުގައިވެސް ކުރަން. އަދި ތަޢުލީމީ ދާއިރާގައިވެސް ކުރަންހުރި މަސައްކަތްތައް، އަޅުގަނޑު ވަޢުދުވެފައި ހުރި ކަންތައްތައް ހުންނާނެ. ދެންހުރި ދާއިރާތަކުގައިވެސް. އެހެންވީމާ، މިގޮތަށް ވަޢުދުވެފައި ހުރި ކަންކަމާއި، އަދި އިތުރަށް އަންނަ ކަންކަން، ކައުންސިލުން ޙިއްޞާ ކުރައްވާ ކަންކަން، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ނަތީޖާ ނެރެދިނުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ. ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ގެންގޮސް، މި ރަށުގައިވެސް، މި ދާއިރާގައިވެސް، މި އަތޮޅުގައިވެސް އަދި ޖުމްލަކޮށް މުޅި ރާއްޖޭގައިވެސް، މިގޮތަށް ހިނގަހިނގާ ހުރި މަޝްރޫޢުތަކާއި، ފަށަންހުރި ހުރިހާ މަސައްކަތްތަކެއް، ރައްޔިތުން ބޭނުންވާގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނީ.

ރައްޔިތުން ބޭނުންވާ ގޮތަށް ގެންދާ ވާހަކަ މި ދަންނަވަނީ. މިހާރު ގާތްގަނޑަކަށް 115 ކައުންސިލާ މި ބައްދަލުވީ އަޅުގަނޑަށް. ބައްދަލުވީއިރުގައި އެތައް ކައުންސިލަކުން މި ބުނަނީ، ރައްޔިތުން ކުރެން އަހާލާނެ ފުރުޞަތެއް ނުލިބެއޭ. ސަރުކާރުން މަޝްރޫޢު ފަށައިގެން ގޮސް މިހާރު ނިމެނީއޭ. ބަނދަރު އޮތީ މިހެންނޭ. ނަރުދަމާ މިގޮތަށޭ. ސްކޫލް ހަދަމުންދާއިރު އޮތީ، ތިމަންނަމެން ބުނާ ގޮތަކަށް ނޫނޭ. އެގޮތަކަށް ނޫން ކަންކަން ކުރަންޖެހޭނީ. ވީވަރަކުން އަޅުގަނޑުމެން ބަލާނީ، ފަންނީ ގޮތުން ނުކުރެވޭނެ ކަމެއް ކަމުގައި ނުވާހާ ހިނދެއްގައި، ޓެކްނިކަލީ ޕޮސިބަލް ކަމަށްވަންޏާ، ރައްޔިތުން އެދޭ ގޮތަކަށް އެ މަޝްރޫޢެއް ބައްޓަން ކުރަން.

އެހެންވީމާ، އެގޮތަށް މި ރަށުގައި ބަނދަރުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނީ. އަދި ދެންހުރި މަސައްކަތްތައްވެސް ގެންދާނީ. ޖުމްލަ ގޮތެއްގައި، ވަރަށް ޚުލާޞާކޮށް މުޅި ރާއްޖެއަށް އަދި މި ރަށަށްވެސް ހަމަ އެޕްލައިވާ ވާހަކަތަކެއް މިވަގުތު މި ދަންނަވާލީ. މި ރަށަށް ކުރަންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް ދީފައި، އަޅުގަނޑު މި ވާހަކަ މި ދައްކާލީ، ހަމަ ވަގުތުގެ ތާށިކަން އޮތްލެއް ބޮޑުކަމުން.

އިރާދަކުރެއްވިއްޔާ ކުންފުނިތައް ހަރުދަނާކޮށް، މިނިސްޓްރީތަކުގެ ހިންގުން ވަރުގަދަކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެންމެ ގާތުން މަސައްކަތްކުރާ ކައުންސިލްތައް ވަރުގަދަކޮށްދީ، ޑަބްލިޔޫ.ޑީ.ސީ.، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް އެއްބާރުލުންދޭ މެންބަރުންތަކެއް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް ހޮވައިދީގެން، އަޅުގަނޑުމެންނަށް ކަންކަން ކުރެވޭކަހަލަ މަޖިލީހެއް އަތުވެއްޖެނަމަ، ޑަބްލިޔޫ.ޑީ.ސީ. އަށް ބޭނުންވާ ހުރިހާ ބާރުވެރިކަމެއްވެސް ދީގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނީ. ސީދާ ރައްޔިތުންނާ ހިސާބުން ވެރިކަން ކުރަން، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ. އަޅުގަނޑު މަސައްކަތް ކުރާނަން. އަދި އަޅުގަނޑު ކުރާނީވެސް އިރާދަކުރެއްވިއްޔާ އެގޮތަށް.

އެހެންވީމާ، ކައުންސިލްތައް ވަރުގަދަކުރުމަށްޓަކައިވެސް، ކައުންސިލްތަކަށް މި ބާރުވެރިކަން ދޭންވެސް އަޅުގަނޑު ބޭނުންވަނީ އެހެންވެގެން. ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ އާމްދަނީގެ އެކިކަހަލަ ފުރުޞަތުތައް ފަހިކޮށްދޭން ރަށްރަށް، ފަޅުރަށްތައް ލިބޭގޮތް ހަދައިދިނުމުގެ މަސައްކަތް މިކުރަނީ. މި ރަށުންވެސް އެދިލައްވާ ފަޅުރަށެއްގެ ވާހަކަ އެބައޮތް. އެހެންވީމާ، އެގޮތަށްހުރި ކަންކަން ކޮށްދެވޭތޯ އަޅުގަނޑުމެން އީޖާބީ ގޮތެއްގައި މަސައްކަތް ކުރާނަން. އޭރުން ކައުންސިލްތަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިވެސް، އެ ބާރުވެރިކަން، އިޤްތިޞާދީ ބާރުވެރިކަން ލިބިގެން އެދަނީ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ނަމެއްގައި ތިބޭ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު މަސައްކަތް ކުރާނެ ގޮތަކީވެސް މި ދެންނެވިހެން މަޖިލިސްތެރެއިން އެ ފުރުޞަތު ލިބޭ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އެ ބާރުވެރިކަން ގެނެސްދޭން.

އާދެ، މި ހުރިހާ ވާހަކައެއް ހަމަ ވަރަށް ކުރުކުރުކޮށް މި ދަންނަވާލީ. އެހެން ނަމަވެސް، ޖުމްލަކޮށް އަޅުގަނޑުމެންގެ ސިޔާސަތު މިއީ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުލަޖައްސައިދޭނަން. އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް މިގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.