ނޫސްވެރިންނަށް އެކި ފަރާތްތަކުން ދެމުން ގެންދާ ޙަމަލާތައް ހުއްޓުވުމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި އެކިއެކި ސަބަބުތަކާހުރެ އެކިއެކި ކަންކަމާ ރުޅިވެރިކަން ހާމަކުރުމަށް އަދި ނުރުހުން ހާމަކުރުމުގެ ގޮތުން، ނޫސްވެރިންނަށް އެކިއެކި ފަރާތްތަކުން ޙަމަލަ ދެމުން ގެންދާތީ، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބާވަތުގެ ކަންކަން ނުބަލައި މި ސަރުކާރުން ނުތިބޭނެ ކަމުގެ ޔަޤީންކަން ރާއްޖޭގެ ނޫސްވެރިންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި އެމަނިކުފާނުގެ 40 ވަނަ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ޢާންމު ޙާލަތު އަދި އިޖްތިމާޢީ ކަންކަން މާރާމާރީއާ ހިސާބަށް ގިނަވެފައި މިވަނީ އެއްދުވަހަކު ދެދުވަހަކު ކަންހިނގާދިޔަ ގޮތުގެ ސަބަބަކުން ނޫން ކަމުގައި ވިދާޅުވިއެވެ. މިކަމުގައި ސަރުކާރުން އެކަނި މަސައްކަތް ކުރައްވައިގެން ފުރިހަމަ ކާމިޔާބީއެއް ނުހޯއްދެވޭނެ ކަމަށާއި، ކަމާގުޅޭ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަމަ އެއޮތް އޭގެ އެންމެ ރަނގަޅު އުޞޫލުގައި ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.