އުނގޫފާރުގެ ތަރައްޤީއަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ވީހާވެސް ގިނަ ކަންތައްތަކެއް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުނގޫފާރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހައުސިންގ މަޝްރޫޢެއް ހިންގަން ބޭނުންވާކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި އިތުރަށް 16 ކްލާސްރޫމެއް ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ މަސައްކަތް ކުރުމަށް އުނގުލު ހަމަޖައްސައިދެއްވުމަށް އެދުމާއި އުނގޫފާރުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އާރު.ޓީ.އެލް. ފެރީ ނިޒާމު ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ކައުންސިލުން ވަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ
.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ ހޭންޑްބޯލް ކޯޓެއްގެ އިތުރުން ފަތާ ސަރަޙައްދެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަމަކީ ސަރުކާރުން ސަމާލުކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.