بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.


އަލިފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ އެންމެހައި ބޭފުޅުން، އަދި މި ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މި ދާއިރާގެ ރަށްތަކުގެ ތެރެއިން ވަޑައިގެން ތިއްބެވި ބޭފުޅުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް މިއަދު އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ކެމްޕެއިން ތެރޭގައި އައި ދުވަހާ، މިއަދުގެ މި މާޙައުލު ވަރަށް ތަފާތު. އަޅުގަނޑު ހަނދާން އެބަހުރި އަދިވެސް އެ ދުވަސް. ބޯކޮށް ވާރޭވެހެނީ އެ ދުވަހު. ސަލާންކުރަން ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުން، ތެމިފޯވެގެން ތުރުތުރުއަޅާ، ސަލާން ކުރައްވަން ތިއްބެވިއިރުވެސް. އެހެން ނަމަވެސް، ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި. އެ ދުވަސް ހަނދާން އެބަހުރި އަދިވެސް. ކެމްޕެއިނަށްފަހު އިންތިޚާބުގައި ދެއްވި ތާއީދަށްވެސް ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އެ ދުވަހު ދެއްކި ވާހަކަ ހަނދާން އެބަހުރި. ވީ ވަޢުދުތައްވެސް ހަނދާން އެބަހުރި. ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ނާއުންމީދުގެ ތެރެއިން އުންމީދަށްވެ، ޙަޤީޤަތަކަށް ހަދައިދިނުމަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެންމެބޮޑު ފަޚުރަކަށްވާނީ، ޒިންމާއަކަށްވާނީ. ތިޔަބޭފުޅުންގެ މި ނުވެފައި ހުރި ހުރިހާ ކަމެއް، އިރާދަކުރެއްވިއްޔާ ހަމަ ދާއިމީ ގޮތަކަށް، ޙަޤީޤީ ސިފަ ޖައްސައިދީ، ރަނގަޅު ގޮތުގައި ތިޔަބޭފުޅުންގެ ތަރައްޤީ ގެނެސްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެއީ، ޖުމްލަކޮށް ދަންނަވާ ވާހަކައެއް.

އަޅުގަނޑު ދެންނެވިން އެ ދުވަހު، އެއަރޕޯޓުގެ ވާހަކަވެސް. އެއަރޕޯޓުގެ މަސައްކަތް ދެން އެ ހިނގާގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ފުރިހަމަކޮށް އަދި ބާރު ސްޕީޑްގައި ގެންގޮސް، ރައްޔިތުންގެ އުންމީދު ހާސިލުވާ މިންވަރަށް، އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް އެކަން ކޮށްދޭނެކަން މިއަދުވެސް ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން.

ބައެއް ރަށްތަކަށް ގޮސް، އަޅުގަނޑު މިގޮތަށް ކަންކަން ކޮށްދޭ ވާހަކަ މި ދަތުރުތަކުގައި ދެއްކީމަ، ބައެއް ބޭފުޅުން ވިދާޅުވަނީ، އަނެއްކާވެސް ވަޢުދުވަނީހޭ. ނޫން ކުރިން ހުރީ ވަޢުދުވެފައި.
އެ ވަޢުދުތައް އަޅުގަނޑު ތަކުރާރު މިކުރަނީ. ޔަޤީންކަން އިތުރަށް ދިނުމަށްޓަކައި. އަދި އެކަންކަން ކުރުމަށްޓަކައި ކުރެވެމުންދާ ކަންކަން ހާމަކުރަނީ. އެއީ، މި ޖަލްސާތަކުގައި އަދި ކައުންސިލްތަކާ އެކީގައި ބޭއްވޭ ބައްދަލުވުންތަކުގައި މި ކުރާ ކަމަކީ.

ތިންމަސް ދުވަސް، ސަތޭކަވަރަކަށް ދުވަސް މިދިޔައީ. ކޮން ކަމެއްތޯ އަޅުގަނޑުމެން ކުރީ މިގޮތަށް ހުރި މުހިންމު ވަޢުދުތައް ފުއްދުމަށްޓަކައި. އަދި ކޮން ކަންކަމެއްތޯ ކުރެވުނީ، ސަތޭކަ ދުވަހުގެ ތެރޭގައި. މި ހުރިހާ ވާހަކަތަކެއް މި ޙިއްޞާ ކުރަމުންދަނީ.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް މިހިރަ މުހިންމު ކަންކަން ކުރުމަށްވެސް މިދަނީ ވަރަށްގިނަ މަސައްކަތް ކުރަމުން. ޖުމްލަކޮށް ދަންނަވާނަމަ، މުޅި ރާއްޖޭގެ ޙާލަތަކީ ހަމަ އެއް ޙާލަތެއް. މި ރަށް ގޮތަށް. އެއީ، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ފަދައިން، ވަރަށް ގިނަ މަޝްރޫޢުތަކެއް އެބަހުރި ފެށިފައި. އެކި ހިސާބަށް ގޮސްފައި. އެހެން ނަމަވެސް، ދެން އެކަން ކުރިއަށް ގެންދާނެ އެއްވެސް ކޮޅުމަގެއް، ކުރިމަގެއް ނުފެނި މިއޮތީ. އެއީ، މިއަދުގެ ޙާލަތު. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެކަންކަން ނިންމޭނެ ގޮތް. އަދި އާ މަޝްރޫޢުތައް ފަށައިގެން، އެކަންކަންވެސް ކުރެވޭނެގޮތް ހެދުން.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި، އަޅުގަނޑުމެންނާ އިދިކޮޅު ބައެއް މެންބަރުން ވިދާޅުވާ އަޑު އެބައިވޭ. ތިމަންނަމެން ވާނީ ބަޖެޓް ފާސްކޮށްދީފައޭ. މަޝްރޫޢުތައް ކުރިއަށް ދާންޖެހޭނެއޭ. އަޅުގަނޑު މި ތަނަށް މިއައީ، އަޅުގަނޑު ޒިންމާއާ ހަވާލުވީ، ކުރިން ކުރި ކަންކަމަށްވުރެވެސް އިތުރަށް މަސައްކަތް ކުރަން. ނަތީޖާ ނެރެދޭން. އެކަމަކު ބަޖެޓް ފާސްކުރި ގޮތް އަޅުގަނޑު މިއަދު މި އަންނަނީ ކިޔައިދެމުން. އެހެންވިޔަސް، އެ އޮތްގޮތަކުން، ކޮންމެ ގޮތަކަށް ފާސްކޮށްފައި އޮތަސް، އަޅުގަނޑުމެން ގޮތް ހޯދައިގެން، އާމްދަނީ އިތުރުކޮށްގެން، ޚަރަދު މަދުކޮށްގެން، ބޭކާރު ޚަރަދުތައް ހުއްޓާލާފައި، ކުރަންޖެހޭ ހުރިހާ މުހިންމު ކަންކަމަށް އިސްކަންދީގެން، މިހެންހުރި ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދާނެ ވާހަކަ މި އަންނަނީ ތަކުރާރުކޮށް ކިޔައިދެމުން.

ބަޖެޓް ފާސްކޮށްފައި އޮތްގޮތް، ހަމަ ތަކުރާރުކޮށްލަންވެގެން މި ރަށުގައިވެސް ދަންނަވާލާނަން. އަޅުގަނޑުވީ ވަޢުދުތައް ފުއްދަން ހުރިހާ މަޝްރޫޢަކަށް ބަޖެޓުގައި ހިމަނާފައި އަޅުގަނޑު ފޮނުވީ، ޓްރާންސްޒިޝަން މަރުޙަލާގައި. 10 ދުވަސް ލިބުނީ. ހުރިހާ މަޝްރޫޢެއް ހިމެނިން. ހިމެނީމަ، ފާސްކުރީ އެ ބޭފުޅުން އުނިކުރަން ބޭނުންވާ އެއްޗެހި އުނިކޮށްފައި. ދެން އެހެންވީމާ، ބައެއް ރަށްތަކުގައި އެބަހުރި، ނަމަކަށް މި ދެންނެވީ، މިސާލަކަށް، އަޅުގަނޑު ވަޢުދެއް ވެފައި އޮތީ، ރަށެއްގައި ބަނދަރެއް ހަދަން. އެ ބަނދަރުގެ މަޝްރޫޢު، މަޝްރޫޢެއް ގޮތަށް ހިމެނިޔަސް، ފަސްލައްކަ ރުފިޔާ، އެއް މިލިއަން ރުފިޔާ ޖަހާފައި ފާސްކޮށްފައި. އެގޮތަށް ބަޖެޓް ފާސްކޮށްފައި އޮތީ. ދެން ހިނގަމުންދާ މަޝްރޫޢެއް ނިންމަން ބަލާއިރުގައި، މިސާލަކަށް، މަގެއް ހަދަން ބަލާއިރުގައި، މަގުގެ ދެބައިކުޅަ އެއްބައި ނިމިފައި، މަޝްރޫޢުގެ ބާކީ ނިންމަންވެސް ސާޅީހަކަށް މިލިއަން ބޭނުންވާ ކަމަށްވަންޏާ، ހިމަނާފައި އޮވެދާނެ، ފަސް މިލިއަން ރުފިޔާ. މިއީ، ދުވަހަކުވެސް ރާއްޖޭގައި ބަޖެޓް ފާސްކުރި ގޮތެއް ނޫން. އަމުދުން ނިންމަން އޮންނަ މަޝްރޫޢެއް ނިންމަން، އެކީގައި ފައިސާ ހިމަނާނެ. މި ދެންނެވި ސާޅީސް މިލިއަން އެކީގައި ހިމަނާނެ، އެ ރަށުގެ މަގު ނިންމަން. މިފަހަރު ބަޖެޓް ފާސްކޮށްފައި އަޅުގަނޑުމެންނާ ހަވާލުކުރީ އެގޮތަކަށް ނޫން. އެހެންވީމާ، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އެބަ އެނގެންޖެހޭ.

އެހެންވިޔަސް، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންގޮސް ނިންމައިދީ، އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ މަޝްރޫޢުތައްވެސް ކުރިއަށް ގެންދާނަމޭ. މި އަހަރު ފަށަން ނިންމާފައި ހުރި ހުރިހާ ކަމެއް، މި އަހަރުގެ ތެރޭގައި ހިނގައިގަންނާނެއޭ. އަދި ކުރިއަށްވެސްދާނެއޭ. އެއީ، އަޅުގަނޑުމެންނަށް އެނގޭ، މި ޙާލަތުން އަރައިގަތުމަށްޓަކައި ކަންކަން ކުރަންވާނެ ގޮތް.

އެހެންވީމާ، ފުރަތަމަ ދުވަހުން ފެށިގެން މި އިޤްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ. ކަންކަން މިގެންދަނީ އެ މަގުން. އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ މަޝްރޫޢެއްވެސް ރަށްރަށުގައި ހުއްޓިފައި ހުރި އަދި ލަސްލަހުން ހިނގާ މަޝްރޫޢުތައް، ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތް ހަމަޖެހެމުން މިދަނީ. އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައްވެސް ދާދި އަވަހަށް ފެށުމަށްޓަކައި ހުރިހާ ކަމެއް ކުރިއަށް އެބަގެންދަން. އެއީ، މި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާ ވާހަކައެއް.

އެހެންވީމާ، މި ރަށުގެ އެއަރޕޯޓް މަޝްރޫޢު ކަންތައް، މި ދެންނެވި ގޮތަށް ކުރިއަށް ގެންދާނަން. ހަމަ އެއާއެކީގައި، ކުރަންހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. އަޅުގަނޑު ހަމަ ދެންނެވިން، އެއަރޕޯޓާ އެކީގައި މި ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރުގައި، އެ މަޝްރޫޢަށް އަދި އިތުރަށް ބިން އިތުރުކުރަންޖެހޭ ކަމަށް ގަބޫލުކުރެވެއޭ. ޞިނާޢީ މަސައްކަތްތަކަށް ޖާގަ އިތުރުކުރަންޖެހޭ. އެކަންވެސް ހަނދާން އެބަހުރި. އެހެންވީމާ، އަޅުގަނޑު ވަޢުދުވީގޮތަށް، ޞިނާޢީ ސަރަޙައްދެއްވެސް ޤާއިމުވެގެންދާ ގޮތަށް، އެ މަޝްރޫޢުގެ ކަންކަން އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

ޞިއްޙީ މަރުކަޒުގެ ވާހަކަ، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދީ، ރަނގަޅު ހޮސްޕިޓަލެއް، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދޭނަމޭ ދެންނެވިން. ޖިއޮގްރަފިކަލީ މި ރަށް އޮތް ހިސާބުންވެސް ކުރަންޖެހޭ ކަމެއް އެއީ. އެ ވަޢުދުވެސް ވާނީ ވެފައި. އެކަންވެސް ހަނދާން އެބަހުރި. އެހެންވީމާ، އެކަމަށްޓަކައި ހެލްތް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދޭތެރޭގައި ކުރަންޖެހޭ މަސައްކަތްތައް އެބަ ހިނގާ. އެކަންވެސް އޮތީ، ކަންކަން ކުރާ ގޮތުގެ ޒާތަކަށް ނޫން ކޮށްފައި. އެ ތަފްޞީލަށް ނުގޮސް، ކަން ވާނެ ވާހަކަ އަޅުގަނޑު ދަންނަވަން މިއުޅެނީ އިނގޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީ ހޮސްޕިޓަލްގެ މަޝްރޫޢު، މި ރަށުގައި ކުރިއަށް ގެންގޮސްދޭނެ ވާހަކަ ހަމަ ތަކުރާރުކޮށްލަން.

އަޅުގަނޑު ދެންނެވިން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތާއި، މިހާރު ކުރިއަށްދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް، އިތުރު ކުޅިވަރުތަކާއި އަދި ފެސިލިޓީ ވަރުގަދަކޮށްދޭނެ ވާހަކަވެސް. އަދި ހަމަ އެއާއެކީގައި، ކުނި މެނޭޖް ކުރުމަށްޓަކައި މި ރަށުގައި ރަނގަޅު ފެންވަރެއްގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދޭނެ ވާހަކަވެސް ދެންނެވިން. އަދި ބޭންކް ބްރާންޗެއް ޤާއިމުކޮށްދޭނެ ވާހަކަވެސް ދެންނެވިން.

އެހެންވީމާ، މި ހުރިހާ ކަމެއްވެސް ކޮށްދޭނެ ވާހަކަ ހަމަ ތަކުރާރުކޮށްލަން ބޭނުން. ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން، އަޅުގަނޑު ހަނދާން އެބަހުރިކަން އަޅުގަނޑު ދެއްކި ވާހަކަ. އަދި އެކަންކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ދޭންވެގެން އިނގޭތޯ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނަން.

އާދެ، ޓޫރިޒަމްގެ ވާހަކަވެސް، ލޯކަލް ޓޫރިޒަމްގެ ވާހަކަވެސް އަޅުގަނޑު ދެއްކިން. އާދެ، މި ހުރިހާ މަސައްކަތްތަކެއް މި ކުރެވެނީ، ވަރަށް ގިނަ ކަންކަން ޙައްލުކޮށްގެން. ދެންމެ މި ދެންނެވީ، އިޤްތިޞާދުގެ ވާހަކަ. އިޤްތިޞާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވެއްޓިފައި. 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަމުން، 9 ބިލިއަން ރުފިޔާގެ އެތެރޭގެ ބިލުތައް، ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ދައްކަމުން، ފައިސާ ޗާޕްކުރުން ހުއްޓާލައި، އަޅުގަނޑުމެން މިގެންދަނީ މި ހުރިހާ ކަމެއް ރާވަމުން. ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން އެތައް ބަޔަކަށް، އެތައް ބިލިއަން ރުފިޔާއެއް ދޭން އުފެއްދި ކޮމިޓީ އަޅުގަނޑުމެން އުވާލިން. އެވެސް ރައްޔިތުންގެ ފައިސާ ސަލާމަތް ކުރުމަށްޓަކައި. ރައްޔިތުންގެ ލޯނުތައް ދައްކަން ޤާއިމުކުރި އެކައުންޓްގައި ހުރި ޑޮލަރުކޮޅު މާރުކޮށް ހުސްކޮށްލާފައި ހުރުމުން، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު، އެ ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. މިހާރު ތިރީހަކަށް މިލިއަން ޑޮލަރު ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި، ސަތޭކައަށްވުރެ ގިނަ މިލިއަން ޑޮލަރު ހުންނާނެ އެ އެކައުންޓްގައި.

އެނގިވަޑައިގަންނަވާނެ، މި އަންނަ އަހަރު، ދެން އަންނަ އަހަރު ބޭރުގެ ވަރަށްގިނަ ދަރަނިތައް އެބަހުރި ދައްކަން. އެހެންވީމާ، މި ބަލަނީ އިޤްތިޞާދު ފުޅާކުރަމުން، އާ ފުރުޞަތުތައްވެސް ދެމުން، އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް، އިންވެސްޓަރުންގެ އިންވެސްޓަރ ކޮންފިޑެންސް، އެ މީހުންނަށް ޔަޤީންކަން އިތުރުކޮށްދޭން މި އަތޮޅަށްވެސް އަޅުގަނޑު ވަޢުދުވިން، ގިނަ ޓޫރިސްޓް ރިޒޯޓުތަކަށް އަދިވެސް ފުރުޞަތު ދޭނެ ވާހަކަ. ޓޫރިސްޓް ރިޒޯޓުތަކަކަށް އަޅުގަނޑުމެން ހުޅުވައިލިޔަސް، ބަޔަކު ނާންނާނެ، ރާއްޖޭގެ އިޤްތިޞާދުގައި އެ ބުންވަރު ހުރިކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވެންޏާ.

އެހެންވީމާ، އާމްދަނީ އިތުރުކުރެވޭނެ ގޮތް، ޓެކްސް ބޭސް ފުޅާކޮށް، ޓެކްސް ނިޒާމުގެ ތެރެއިން މިހާރު ދެން އިތުރަށް މިހާރުގެ ޓެކްސްތައް ލިބޭނެ ގޮތްތައް، ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތް މިކުރަނީ. އާ ޓެކްސްއެއް ނަގާ ވާހަކައެއް ނޫން.

އެހެންވީމާ، މި ހުރިހާ ކަމެއް އެކުއެކީގައި މިގެންދަނީ. ދެންމެ މި ދެންނެވި ގޮތަށް ރަށްރަށުގައި އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށްޓަކައި، ރައްޔިތުންނަށް އެކަންކަން އަވަސްމިނުގައި ހާސިލުކޮށްދިނުމަށްޓަކައި. އާމްދަނީ އިތުރުކުރުމަށްޓަކައި. ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް މި ކުރަނީ. އެހެންވީމާ، މި ހުރިހާ މަސައްކަތެއް ކުރުމުގައި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން މި ބޭނުންވާ ވާހަކައަކީ، ރައްޔިތުންގެ އެއްބާރުލުން ހަމަ މިހާރުވެސް ތިޔަ ދެއްވަމުން ގެންދަވާ ގޮތަށް ދެއްވުމަކީ އަޅުގަނޑު އެންމެ އެދޭ ކަންތަކޭ.

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ވަރަށް ގާތްވެފައި އޮތީމަ، އެޕްރީލް މަހުގެ 21 ގައި އިންތިޚާބު އޮންނާނެ ކަމަށް އިލެކްޝަނުން މިހާރު އިޢުލާނުކޮށްފައި އެއޮތީ. މި ދާއިރާއަށް ކުރަން މިހިރީ ވަރަށްގިނަ މަސައްކަތް. މި ރަށާއި ހަމަ މި ދާއިރާގެ ރަށްތަކުގައި. އެކަންކަން ކުރުމުގައި، ދެން އަންނަ އަހަރަށްވެސް ބަޖެޓް ފާސްކުރުމުގައި، މި އަހަރު މި ހިންގިކަހަލަ، ދުވަހަކުވެސް ނުހިންގާ ޒާތުގެ ނޭދެވޭ ކަންކަން ހިންގުމުގެ ފުރުޞަތުވެސް ނުލިބޭނީ، ސަރުކާރަށް އެއްބާރުލުންދޭ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާނެ، ސަރުކާރަށް ފުރިހަމަ ތާއީދު އޮތް މެންބަރަކު ހޮވައިގެން ކަމަށް އަޅުގަނޑަށް ހަމަ ވަރަށް ޔަޤީންކުރެވޭ.

އެހެންވީމާ، މި ދާއިރާގެ ރައްޔިތުންގެ ތަރައްޤީއަށްވެސް ކުރަންހުރި މި ހުރިހާ ކަމެއްގައި އެއްބާރުލުންދޭނެ ކަހަލަ ބޭފުޅަކު ހޮވުމަކީ، ޤައުމީ ތަރައްޤީގެ ވިސްނުމުގައި އަޅުގަނޑު ހަމަ އެދޭ ކަމެއް. އެއްވެސް ހާލެއްގައި މިއީ ސިޔާސީ ވިސްނުމަކު އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އަދި މިކަހަލަ ޖަލްސާއެއްގައި އަޅުގަނޑު ނުވެސް ދައްކާނަން އެކަހަލަ ވާހަކައެއް.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި، މިދިޔަ ސަތޭކަ ދުވަހުގެ ތެރެއިން ތަޖުރިބާ ހާސިލުކޮށް، އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުންގެ މަޖިލީހަށް ރަނގަޅު ބޭފުޅުން މި ދާއިރާއިންވެސް، މުޅި ރާއްޖެއިންވެސް ހޮވަން.

މިސާލަކަށް، ޑަބްލިޔޫ.ޑީ.ސީ. އަށް ބަލައިލާއިރުގައި، އަޅުގަނޑު ތަކުރާރުކޮށްލަން ދަންނަވަން. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، އެ ކޮމިޓީތަކުގެ ހައިސިއްޔަތު ލިބިގެން މަސައްކަތްކުރާ ކޮމިޓީތަކަކަށް ޤާނޫނީ ގޮތުން މަގުފަހިކޮށްދީގެން ހިންގަންޖެހޭ. އެކަން ކުރެވެން އަންނަނީވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. މަޖިލިސް އިންތިޚާބަށްފަހު، އަޅުގަނޑު ޔަޤީނުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުންދޭ މަޖިލީހެއް އޮވެއްޖިއްޔާ، އިރާދަކުރެއްވިއްޔާ ފުރަތަމަ ކުރާނެ އެއްކަމަކަށްވާނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން އެ މަގު ފަހިކޮށްދޭން. އެކަން ނުކޮށެއް ނެތް، ރޯދަމަހުގެ އެލަވަންސް ދެވޭކަށްވެސް. ރޯދަމަހުގެ އެލަވަންސް މިހާރު އަޅުގަނޑުމެން ދީފިއްޔާ ވާނީ ޤާނޫނާ ޚިލާފު ކަމެއް ކުރީކަމަށް. އެހެންވީމާ، ރޯދަ މަހުގެ އެލަވަންސް ދިނުމާއި، މުވައްޒަފުންގެ ގޮތުގައި ކެޓަގަރައިޒް ކޮށްގެން، އެ ލިބޭ އެލަވަންސް، މުސާރައެއް ގޮތަށް ލިބޭގޮތަށް ބަދަލުކުރުން. އޭގެ ސަބަބުން ވިހެއުމުގެ އެކި ކަހަލަ ޗުއްޓީއާއި، ހުރިހާ ޗުއްޓީތަކަކަށްވެސް އެލިޖިބަލް ވާނީ. އަދި މުސާރައެއްގެ ގޮތުގައި ބަލައިގަނެ، ބޭންކުން ލޯނުވެސް ނެގޭނީ. އަދި އަޅުގަނޑު ކުރަން ގަސްތުކޮށްފައި އޮތް ކަމެއް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މި ލިބޭ ފަސް ޕަސެންޓަކީ، ހަމައެކަނި އެ ކޮމިޓީގެ ފަރާތުން ރަށު ތަރައްޤީއަށް ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޚާއްޞަ ކުރެވިދާނެ އެއްޗަކަށް ހަދަންވެސް. އެކަންވެސް ކުރެވޭނީ ޤާނޫނުގެ ތެރެއިން. މިހާރު މިވާގޮތަކީ އެ ޤާނޫނު އޮތްގޮތުން، އެ ފަސް ޕަސެންޓްގެ ތެރެއިން އެލަވަންސްވެސް ދޭންޖެހެނީ. ބާކީނޯވޭ، އެއްވެސް ކަމެއް ކުރާނެ ފައިސާއެއް.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރަން އަޅުގަނޑު ބޭނުން މަޖިލިސް ތެރެއިން. ކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުމުގައި މަސައްކަތް ކުރާނެ ބޭފުޅުންކޮޅެއް މަޖިލީހަށް ހޮވިގެން. އެކަން ކުރުމުގެ ބާރު މިއޮތީ ރައްޔިތުންގެ އަތްމަތީގައި. މިކަހަލަ ގިނަ ކަންތައްތަކެއް ކުރަން މިހިރީ. ކޮންމެގޮތެއްވިޔަސް، ސަރުކާރަށް މިކަންކަމުގައި ކުރިއަށްދެވޭނީ، މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބިގެން.

އެހެންވީމާ، މިކަން ހަމަ މި ފާހަގަކޮށްލީ، އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން. ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށްފައި މިކަން ހަވާލުކުރީވެސް ނަތީޖާ ނެރެދޭނެ ކަމަށް ގަބޫލުކުރާތީ. އިރާދަކުރެއްވިއްޔާ، މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި، ސާދަ ހަފްތާގައި، އަޅުގަނޑުމެން މި ސަތޭކަ ދުވަހު، ސާދަ ހަފްތާގައި ކުރާނެ ކަމަށް، ކުރެވޭނެ ކަމަށް ގަބޫލުކޮށް ފެށި ހުރިހާ މަސައްކަތެއް އެހެރީ ކުރެވިފައި. އެންމެފަހުން އިއްޔެ އެއަރ އެމްބިއުލެންސް ދުއްވަން މި ފެށުނީ.

އެއަރ އެމްބިއުލެންސްގެ ޚިދުމަތްވެސް އިތުރަށް ފުޅާކުރަން އަޅުގަނޑު ގަސްތުކޮށްފައި މިއޮތީ. ސީ ޕްލޭންވެސް އިރާދަކުރެއްވިއްޔާ ދެ ހަފްތާއެއް ތެރޭ، ތިން ހަފްތާގެ ތެރޭގައި އުދުހެން ފަށާނެ. އެއަރ އެމްބިއުލެންސްގެ ސީ ޕްލޭނެއް. އޭރުން އެއަރޕޯޓެއް ނެތް ރަށް ރަށަށްވެސް ކުއްލި ޙާލަތުގައި ސީ ޕްލޭން ޖައްސާނެ. ޖައްސާފައި، ބަލިމީހާ ގޮވައިގެން ދާނީ. ދެން ކޮންމެގޮތެއްވިޔަސް، ދުވާލު ގަޑީގައި ސީ ޕްލޭން އޮޕަރޭޓް ކުރެވޭނީ. އެހެންވީމާ، ސީ ޕްލޭނަކާއި، ޑޭޝް 8 ދުއްވާނީ އެއަރ އެމްބިއުލެންސްގެ ގޮތުގައި. ދުއްވީމާ ދެން އަޅުގަނޑުމެންނަށް އަމިއްލަ ކެޕޭސިޓީގައި، އަމިއްލައަށް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެގޮތް އިރާދަކުރެއްވިއްޔާ މެދުވެރިވެގެން އެދަނީ. ހަމަޖެހިގެން އެދަނީ. ދެންހުރި މުހިންމު ކަންކަމުގައިވެސް މި ބަލަނީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ.

އެހެންވީމާ، މި ހުރިހާ މަސައްކަތެއްވެސް ނަތީޖާ ނެރުމުގައޭ އަޅުގަނޑު ކުރިއަށްދާން ބޭނުންވަނީ. ރެޔާއިދުވާލު އަޅުގަނޑުގެ ފޯކަސް މިހިރީ ރައްޔިތުންނަށް ކުރަންހުރި ކަންކަން ކުރުމުގައި. އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް މިނިސްޓަރުން، ކުންފުނިތަކުގެ އެމް.ޑީން، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން، މި ހުރިހާ ބޭފުޅުން، އަދި ރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މި ޓީމު މި މަސައްކަތް މިކުރަނީ މި ރޫޙުގައި ރެޔާއިދުވާލު. އެހެންވީމާ، މި މަސައްކަތުގެ ނަތީޖާ ނެރެދެވޭނީ، ނަތީޖާ ނެރުމަށްޓަކައި ދެން ދޭންއޮތް އެއްބާރުލުންވެސް ރައްޔިތުންގެ ކިބައިން ލިބިގެން. އެހެނެއް ނޫން، ރެޔާއިދުވާލު އަޅުގަނޑުމެންނާ ދެކޮޅުހަދައި، ކަންކަމުގައި އެހެނިހެން ގޮތްގޮތުން ހުރަސްއަޅައި، އެކިކަހަލަ ހުރަސްތައް ކުރިމަތިކުރަންޏާ، ހަމަ ކޮންމެގޮތެއްވިޔަސް ދަތިވާނެ މަސައްކަތްތަކަށް. ލަސްވާނެ. އެހެންވީމާ، އެކަން ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑު ބޭނުން، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކޮށް ނިންމަން. އެހެންވެގެން މި ދަންނަވާލީ.

އާދެ، އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަލިފުށީގެ ތަރައްޤީގައި ރައްޔިތުން ދެން އަބަދު މާޔޫސް ކަމުގައި ތިބެންޖެހޭ ތިބުން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނެސް، ޙަޤީޤަތަކަށް ހަދައިދޭނަމޭ. އެކަމުގައި ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.