ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮންނަ ގުޅުމަކީ ލަންކާއަށް މިނިވަންކަން ލިބުމުގެ މާކުރިން ފެށިގެންވެސް ގާއިމުވެފައި އޮންނަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސްރީލަންކާގެ 76 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާގެ 76ވަނަ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު، އޭ.އެމް.ޖޭ. ސާދިގު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާ މިނިވަންވުމުގެ މާކުރިން ފެށިގެންވެސް ދެޤައުމުގެ ދެމެދު އަދި ދެޤައުމުގެ ރައްޔިތުންގެ ދެމެދު ގާތްގުޅުން ދަމަހައްޓަމުންދިޔަކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ވެސް ސްރީލަންކާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅޭއިރު ސްރީކަންކާއަކީ އެޤައުމުގައި ދިރިއުޅޭ އެތައްހާސް ދިވެހިން ދެވަނަ ވަޒަނުގެ ގޮތުގައި ބަލާތަނެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، މި ދެ ޤައުމަކީ އާދަކާދައާ ސަގާފަތާއި ލިޔެލިޔުމާއި އަދި ތާރީޚީ ގުޅުންތައްވެސް އޮތް ދެޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއިން އަބަދުވެސް އޮންނާނީ ސްރީލަންކާއާ އެޤައުމުގެ ރައްޔިތުންގެ އިތުބާރުހިފޭ ރަހުމަތްތެރިއެއްގެ ގޮތުގައި އަދި ބައިވެރިއެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ.