ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި، ސްކޫލުގައި ކްލާސްރޫމު އިތުރުކޮށްދެއްވުމަށާއި، އަލަށް އާބާދުކުރާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރު މަރާމާތުކުރުމަށް ބޭނުންވާކަމަށާއި، ޒަމާނީ ފެންވަރަށް މަގުހެދުމާއި، ރަށްގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކަނޑިތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ، އެ ކޮމިޓީގެ މަސައްކަތްތަކަކީ ވަޒީފާއެއްގެ ގޮތުގައި ބަދަލުކޮށްދެއްވައި، އިނާޔަތްތައް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.