ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުންނާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ހިންގާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިމަގުގައި ވެސް މި އެއްބާރުލުން އިތުރަށް ފުޅާކުރެއްވުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.