ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢޫ އަދި ބަނދަރު އަޕްގްރޭޑުގެ މަޝްރޫޢު ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށްދެއްވުމަށާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަމާއި، ސްޕޯޓްސް ފިޝިންގއަށް ބޮޔެއް އަޅައިދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީ މަސައްކަތްކުރާނެ ވަކި އޮފީހެއް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށާއި، ކަނބަލުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.