ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ނިންމަވާ ދެއްވުމަށާއި، މިސްކިތެއް ޤާއިމުކޮށްދެއްވުމަށާއި، ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، މި އަހަރު ބަޖެޓުގައި ހުރި މަޝްރޫޢުތައް ފައްޓަވައި އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ރަށުގެ މަގުތައް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ގޮއިދޫގެ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއަށްގެންދަން މަގުފަހިކޮށްދެއްވުންވެސް ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ.