ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވޭތުގެ ލިބަރޭޝަން ޑޭ ގެ މުނާސަބަތުގައި ކުވޭތުގެ ޢަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާހްއަށާއި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ސަބާހް އަލް ސާލިމް އަލް ސަބާހަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ދެޤައުމުގެ ދެމެދު އޮންނަ ރަހުމަތްތެރިކަމާއި ގާތް ގުޅުން ފާހަގަކުރައްވައި މުސްތަޤުބަލުގައިވެސް ދެޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅުން ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ކުވޭތުގެ ޢަމީރާ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވޭތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.