ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުންވަނީ ކުޅުދުއްފުށީ ސިޓީއަށް އެންމެ މުހިންމު މަޝްރޫޢަކީ ބޯހިޔާވަހިކަން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުންވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ވެލިއު އެޑެޑް ފެސިލިޓީސް ބޭނުންވާކަމަށާއި، ކައުންސިލުގެ އާ އިމާރާތެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޭނުންވާކަމަށާއި، ސްޕޯޓްސް އެރީނާއާ އެކީގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ބޭނުންވާކަމުގައި ދަންނަވާފައެވެ. މީގެ އިތުރުން ޓިވެޓް ސެންޓަރާއި ދަމަނަވެށީގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގަތެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.