ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ 2040 އަށް ދާއިރު ހދ. އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާގޮތަކާއި، ރީޖަނަލް ޕޯޓެއް ޤާއިމުކުރުމަށް ބޭނުންވާކަން ހިއްސާ ކުރައްވައި، ހދ ރަށްވެހިގެ ތަރައްޤީކުރުމަށް އިންވެސްޓަރަކު ހޯދުމަށް ސަރުކާރުން އެހީތެރިވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހދ އަތޮޅުގައި އަތޮޅުވެރިކަން ކުރާ ރަށެއް ނެތްކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޕައިލެޓް ޕްރޮގްރާމެއް ހދ އަތޮޅުގައި ހިންގަވައިދެއްވުމަށް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލުން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅުގެ ތަރައްޤީގެ ޕްލޭނެއް ހަދާއިރު އަތޮޅުގެ ހުރިހާ ރަށަކަށް އެކަމުން މަންފާ ލިބޭނެ ގޮތަކަށް ޕްލޭން ހެއްދެވުމަށް ބާރުއެޅުއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ހދ އަތޮޅު ކައުންސިލާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓަށް ލުއި ކޮށްދެއްވުމަށް މިއަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ހަދާނީ ޑޮމެސްޓިކް ރޭޓުން ޗާޖުކޮށްގެންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.