ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގއ. އަތޮޅު ކައުންސިލާއި، އެއަތޮޅު ވިލިގިލީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ގއ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވިލިގިނލީ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމާއި، އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުމާއި، އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމާއި، ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި، ވިލިނގިލި ކައުންސިލުގެ އިޙްތިސާސްގެ ދަށަށް ފަޅު ރަށެއް ގެންނަން ބޭނުންވާކަމާއި، ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

ގއ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ހުރިހާ ރަށެއްގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ މިހާރު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްޓޭޓް ހައުސްގެ މަރާމާތަށް ބޭނުންވާކަމާއި އަދި އަތޮޅުގެ ތަރައްޤީއަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންކަން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަންދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.