ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގއ. ކޮލަމާފުށީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ކޮލަމާފުށީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، ރަށުގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ ބިން ހިއްކުންކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ތަރައްޤީވާން ބޭނުންވާކަމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ސްލިޕްވޭއެއްގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި، މަގުހަދަން ބޭނުންވާކަމަށާއި، ކަރަންޓު ދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ އިޤުތިޞާދީ އިޖުތިމާޢި ތަރައްޤީއަށްހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން އެ ހުރިހާ ކަމެއް ހައްލު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ހިއްސާ ކުރެއްވިއެވެ.