ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންއޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ދަތިކަން ހައްލުކުރުމަށާއި ރަށްގިރުމުގެ މައްސަލައާއި، ސްކޫލާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން، އަދި ރަށުގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ރަށުގެ ބިން ފުރިފައި އޮތުމުން ބިން އިތުރުކުރަން އެދޭކަމަށާއި، ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށާއި، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަންކަމާއި، އަދި މިނޫސްވެސް ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން ސަރުކާރުން ކުރިއަށްދާނެކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ ޓީމުން ވަނީ އެރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.