އައްޑޫސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވަނީ ހިތުގެ އިޚްލާސްތެރިކަމާއެކު އެކަމެއް ފުއްދަވަންކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުދޫ މީދޫގެ ޞީއްޙީ މަރުކަޒުވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެކަމަށާއި ހަމަ އެހެންމެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެވެސް ޚިދުމަތްތައް ފުޅާކޮށް ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބިން ހިއްކުމާއި މަގުހެދުމާއި އަދި އެނޫންވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.