ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ދާޝޯ ބަޕް ކޭސަންގ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާން އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބޫޓާނާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާންގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، އަންނަ އޭޕްރީލް މަހު ބޫޓާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާރކް ސަމިޓްގެ ތައްޔާރީތަކާއި، އެ ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.