ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ތ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވައި، އުންމީދީ ޖަވާބުތަކެއް ދެއްވިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ތ އަތޮޅުގެ ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާނެ ކަންތައްތައް ތަފުސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލަކީ ޒަމާނީ ޚިދުމަތްދޭ ތަނަކަށް ހެދުމަށާއި، އަތޮޅުގައި ހަތަރު ރަށެއް ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ތ އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއެކު އިކޮނޮމިކް ޒޯނެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަތޮޅުގައި ހުރި މަސް ފެކްޓްރީ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، އަތޮޅު ތެރޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައްވެސް ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ އަތޮޅުގެ އިޤްތިޞާދު ވަރުގަދަކުރުމަށް މި ސަރުކާރުން ކުރައްވާ ކަންކަން އަތޮޅު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުންވެސް ކޮންމެ ކައުންސިލަކަށްވެސް ފައިދާވާނެ ގޮތަކަށް އިޙްތިޞާޞްގައި ހުރި ރަށްތައް ބޭނުންކޮށް، އާންމު ފަރުދުންގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމަ އެއާއެކު ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ ގުޅުންހުރި ދާއިރާތަކުން އިންވެސްޓަރުން ހޯދުމުގެ ފުރުޞަތު ހުރިހާ ކައުންސިލަކަށްވެސް އޮންނާނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތ އަތޮޅަށް ތަރައްޤީގެ ފުރިހަމަ އިހުސާސްކުރެވޭވަރު މި ސަރުކާރުން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.