ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްމަރްޙޫމް އަލްއުސްތާޛު އިސްމާޢީލް ވިޝާމްގެ ހަނދާނުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައި އެމަނިކުފާ ވަނީ، އަލްމަރްޙޫމް އަލްއުސްތާޛު އިސްމާޢީލް ވިޝާމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އަލްމަރްޙޫމް ވިޝާމް ވަނީ ބާ ކައުންސިލު ހަރުދަނާ ކުރުމުގައި ޤާނޫނީ ފަންނުވެރިންގެ ލޯތްބާއި އިޙުތިރާމް ހޯއްދަވާފައިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވާފައިވެއެވެ.

މި ބަޔާން ނިންމަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަލްމަރުޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށާއި، ބާ ކައުންސިލްގެ މެންބަރުންނަށާއި، ޤާނޫނީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.