މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދެއްވާފައެވެ. އަދި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.