ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން އެއަރޕޯޓްގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. އެއީ އެއްޤައުމު އަނެއް ޤައުމަށް އިޙްތިރާމު އަދާކުރުމުގެ މައްޗަށާއި، ސައިޒުގެ ގޮތުން ކިތަންމެ ތަފާތު ނަމަވެސް އެއްޤައުމުން އަނެއް ޤައުމަކީ ހަމަހަމަ ޤައުމެއްގެ ގޮތުގައި ދުށުމާއި، އެޤައުމެއްގެ ސަރަޙައްދަށް އިޙްތިރާމުކުރުމާއި، އަދި އެޤައުމެއްގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުން، މި ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން، ރާއްޖެއިން ވަން-ޗައިނާ ޕޮލިސީ ބަލައިގަންނަ ފަދައިން ޗައިނާއިންވެސް ރާއްޖޭގެ ސަރަހައްދީ މިނިވަންކަމަށް އިޙްތިރާމު ކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ސައިޒުން ކިތަންމެ ކުޑަނަމަވެސް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަލާއިރު މިއީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދެއް ޙިއްޞާކުރާ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަނޑަކީ ވަކިބައެއްގެ ތަނެއްގެ ބަދަލުގައި ރާއްޖޭގެވެސް ބޮޑު ޙިއްސާއެއް އޮންނަ ކަނޑެއްކަން ފާހަގަކުރައްވައި، ރާއްޖެއަކީ ކިތަންމެ ކުޑަ ނަމަވެސް މިނިވަން މުސްތަޤިއްލު ޤައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ބާއްވާ ގުޅުންތައް ބިނާވެފައި އޮންނާނީ މި ހަތަރު އަސާސްގެ މައްޗަށް ކަމުގައެވެ.