ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި އެގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބައްލަވާލައްވައިފިއެވެ. އެގޮތުން އެމަނިކުފާނު ވަނީ މާލޭގެ ހަތަރު އަވަށުގެ އެކި ގޭގެއަށް ވަޑައިގެން، އެގެތަކަށް ފެންވަދެ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައި އެގެތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ.

އެސަރަޙައްދުގައި ހުންނަވާ މީޑިޔާއަށް މަޢޫލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށާއި އެމަސައްކަތް ކުރާއިރު އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވީޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ގެނައުން ކަމުގައެވެ. މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާ ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫންތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެގޮތަށް ދާއިމީ ޙައްލެއް ލިބޭގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެންހިއްކުމުގެ މަސައްކަތްތަކާއި އަދި ފެނުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ސިފައިން އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ސަރުކާރުގެ އެކި އިދާރާތަކާއި އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ މުދަލާ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެފަރާތްތަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.