ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމް މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ. ޑޮކްޓަރ ޢަބްދުލްކަލާމަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނެވެ. އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ބޭފުޅުން ވައިގެ ބަނދަރުގައި ތިއްބެވިއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ޑޮކްޓަރ ޢަބްދުލްކަލާމަށް އޮނަރގާޑެއް އެރުވުނެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.