ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން"ގެ ނަމުގައި ޚާއްޞަ ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އުފެއްދެވުމަށް ނިންމެވި މި ކުންފުންޏަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެއެވެ. އަދި މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާ ކަމެއްވެސް މެއެވެ.