ދިވެހިރާއްޖެއިން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެވަޑައިގެން، ނޫސްވެރިންނާ މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، އެ ޤައުމާއެކު ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވެވުނު މުހިންމު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް މިއަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތުރުކީވިލާތުގައި ބޭއްވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އެ ޤައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ދިވެހިރާއްޖެއަށް ޚާއްޞަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
"ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ޚާއްޞަކޮށް. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ މިއަދާ ހަމައަށް މި ދެ ޤައުމު ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވަލަށްވުރެ، ވޮލިއުމަށްވުރެ، އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާތަން. އެކަމަށް އަޅުގަނޑުމެން ތެރޭގައި އެއްބަސްވެވުނު." - ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި އިޤުތިޞާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވިއެވެ.