ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފަންތީގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އައު ދައުރު ފެށްޓެވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ޗައިނާއިން އަބަދުވެސް ދިވެހިރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ޗައިނާއިން ދަމަހައްޓާނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.