އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަފީރަށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންކަމީ ޝަރަފެއްކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިޔާގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކެވިއެވެ.

މީގެ އިތުރުން އޮސްޓްރޭލިޔާގެ ސަފީރު ވަނީ, ރާއްޖެއަށް މިހާރުން މިހާރަށްބޭނުންވާ ތަރައްޤީގެ މުހިންމު ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް ތަޢުރީފު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ، ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްޞާނީ ދުޅަހެޔޮކަން، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުން، ތަޢުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން، އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައްވެސް ހިމެނެއެވެ.

ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ޤާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރު ވަނީ، ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުޞޫލުތަކަށް އިޙްތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް އަދި ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ގާތް ރަޙުމަތްތެރިގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން ގުޅިގެންކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.