ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަނާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ރޮނގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތަކީ އަތްފޯރާ އަގެއްގެ ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ ޤައުމެއްކަން ފާހަގަކުރައްވައި، ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލަރޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީވިލާތުގެ މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން، އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާ މުޢާމަލާތްކުރާ މުދައްރިސުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެކި ދާއިރާތަކުން ތަމްރީނުދިނުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އާރތް ސައިންސްއާއި، މެޑިސިންއާއި، ޗައިލްޑް ކެއާރ އާއި، ތެރަޕީ، އަދި ރިހެބިލިޓޭޝަން ފަދަ މުހިންމު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ވަނީ ދެ ޤައުމުގެ ދެމެދުގައި ގިނަ އަހަރުތަކެއްވަންދެން ގާއިމްވެފައިވާ އެކުވެރި ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.