ތުރުކީވިލާތުގެ ޔޫނިއަން އޮފް ޗެމްބަރސް އެންޑް ކޮމޯޑިޓީ އެކްސްޗޭންޖުގެ ނައިބު ރައީސް ފާއިކް ޔަވުޒް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއާއި، އިމާރާތް ކުރުމުގެ ދާއިރާއާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު ވިޔަފާރިކުރިއެވުމާއި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 28 މެއި 1979ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.