ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، ޢަބްދުالله އެރެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ތަޢުލީމީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއިން އަދި ޤައުމުގެ ޘަޤާފަތުގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ބޭސްވެރިކަން ފަދަ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ވަޒީފާގެ މައިދާނުގައި އެކި ދާއިރާތަކުން ކުރިއަރަމުންދާ ފަރާތްތަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުރުސަތު އިތުރުކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.