بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހުރިހާ މުވައްޒަފުންނާ އެކީގައި ރަސްމީ ގޮތެއްގައި އެންމެ ފުރަތަމަ ބައްދަލުވާ ފަހަރުވީމާ ހަމަ ވަރަށް އުފާކުރަން. ހުރިހާ މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، ވަރަށް އުފާކުރަން. ސަބަބަކީ ތިޔަބޭފުޅުންނާ އެކީގައި، އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އަޅުގަނޑުގެ ވިސްނުން ކަމުގައިވާތީ، އަޅުގަނޑު ބޭނުންވަނީ، ވަރަށް އެކުވެރި މާޙައުލެއްގައި، އެއް ޓީމެއްގެ ގޮތުގައި މި އޮފީހުގައި މަސައްކަތްތައް ކުރިއަށް ގެންދަން.

އާދެ، ރައީސް އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރާ އޮފީސް. ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ދެންވެސް ހުރި ހުރިހާ މުއައްސަސާތަކަކަށް ދޭންޖެހޭ އެކިކަހަލަ އެހީތެރިކަމާއި އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުމުގެ ވަރަށްބޮޑު ޒިންމާއެއް، ތިޔަ ހުރިހާ މުވައްޒަފުން އަދާކުރައްވަމުން ގެންދަވަނީ.

ފުރަތަމަ ކަމަކަށް، އަޅުގަނޑު އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުން މި އޮފީހަށް އައިސް، ފުރަތަމަ ދުވަހުވެސް މަސައްކަތް ފެށޭވަރަށް، ތިޔަބޭފުޅުން ރެޔާއިދުވާލު ބުރަކޮށް މަސައްކަތް ކުރައްވައިގެން، ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ފުރިހަމަކުރައްވާފައި ހުރީމާ، އެކަމަށްޓަކައި އަނެއްކާވެސް ހަމަ ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން ބޭނުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑަށް މިހާތަނަށްވެސް މިދިޔަ ދެތިން ދުވަހުގެ ތެރޭގައިވެސް ފާހަގަވި ކަމަކީ، މުވައްޒަފުންނަށް އެކިކަހަލަ ދަތިތައް ދިމާވެފައި އެބަހުރިކަން. ޚާއްޞަ ކަމެއްގެ ގޮތުގައި ޖާގައިގެ ދަތިކަން. މަސައްކަތުގެ މާޙައުލުގައި ޖާގައިގެ ދަތިކަން މިތަނުގައި ވަރަށްބޮޑު. އަޅުގަނޑު ގަސްތުކުރަނީ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި ފެށޭ އަހަރުގެ ތެރޭގައި، ޖާގައިގެ މައްސަލައިގައި ކޮންމެވެސް ގޮތެއްގައި އެކަށީގެންވާ ޙައްލެއް ގެނެސްދިނުން. މި އޮފީހުގެ މަސައްކަތް ކުރުމަށް ދަތިވެފައިވާ މި ޖާގައިގެ މައްސަލަ އަޅުގަނޑު މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ޙައްލުކުރާނަން. އޭރުން ތަންކޮޅެއް ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭ މާޙައުލެއް ޤާއިމުކުރެވިގެން، ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތް ކޮށްލެއްވޭނެ. އެއީ އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަވި ކަމަކީ. އެހެންވީމާ، އެ ކަންތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށް ގެންދާނަން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މި އޮފީހަކީ ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، އެންމެ އިސް އޮފީހަށްވާއިރުގައި، އަދި ވަރަށް ޒަމާންތަކެއް ވަންދެން، ވަރަށް ރީތި، ރަނގަޅު ޓްރެޑިޝަނެއް އެއްފެންވަރެއްގައި ރީތި އުޞޫލުތަކެއްގެ މަތީގައި ހިނގަމުން އައިސްފައި އޮތް ތަނެއްވީމާ، އެކަން އެގޮތުގައި އަނބުރާ އިޢާދަކޮށް، ވީހާވެސް ފުރިހަމައަކަށް ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި، މި އޮފީސް ކުރިއަށް ގެންދަންވާނެއޭ. އެކަމުގައި އަޅުގަނޑުމެން އެންމެން އެއް ރޫޙެއްގައި މަސައްކަތް ކުރަންވާނީ. އެއީ، ބޭރުގެ ޢިއްޒަތްތެރިންވެސް ހަމަ ވަޑައިގެން، އަޅުގަނޑާ އެކީގައިވެސް ބައްދަލުވުންތައް މިތަނުގައި ބާއްވަނީ. އަދި ސަރުކާރުގެ އެހެން ވުޒާރާތަކުންނާއި، އެކި ތަންތަނުގެ ވެރިންނާ އެކީގައިވެސް މި އޮފީހުގައި ބައްދަލުވުންތައް ބޭއްވޭ ތަން މިއީ.

އެހެންވީމާ، ވަރަށް ޒަމާންތަކެއް ވަންދެން، ވަރަށް ހަރުދަނާ އުޞޫލުތަކެއް އޮތް އޮފީހަކަށްވާތީ، އެއީ، އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ ކަމެއް. އެހެންވީމާ، އެގޮތް، އެ ރީތި އުޞޫލު އަޅުގަނޑުމެން ކުރިއަށް ގެންދަންވާނެ ކަމަށް ގަބޫލުކުރަން. އެކަމުގައި ހަމަ ޔަޤީންކަންވެސް އެބައޮތް.

ދެން މާގިނައިރު ތިޔަބޭފުޅުން ކޮޅަށް ބައިތިއްބާކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އަޅުގަނޑު ބޭނުންވަނީ، ހުރިހާ މުވައްޒަފުންވެސް ހަމަ އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަން. އަދި ކުރާ މަސައްކަތްވެސް އަޅުގަނޑު ހަމަ ހިތުގެއަޑިން ބަލައިގަންނާނަން. މިހާތަނަށް އަޅުގަނޑު މަސައްކަތްކުރި ހުރިހާ އޮފީހެއްގައިވެސް އެކަން އެގޮތަށް އަޅުގަނޑު ކުރިއަށް ގެންގޮސްފައި ވާނީ. ކޮންމެ ތަނެއްގައި މަސައްކަތް ކުރިއިރުގައިވެސް.

އިރާދަކުރެއްވިއްޔާ، މުވައްޒަފުންނަށް ހިތްހަމަޖެހޭފަދަ ގޮތަކަށް ކަންތައްތައް ބައްޓަން ކުރުމަކީ އަޅުގަނޑުގެ ވިސްނުން. އަދި އަގުވަޒަންކުރުމުގެ ގޮތުން އެކިކަހަލަ ކަންތައްތައްވެސް ކުރުމަކީ، އަޅުގަނޑު އަބަދުވެސް ކަންކަން ކުރާގޮތް. އިރާދަކުރެއްވިއްޔާ، މިއޮފީހުގައިވެސް އެކަން ކުރިއަށް ގެންދާނަން.

އެހެންވީމާ، އަޅުގަނޑުމެންނާ އެކީގައި، އެކިއެކި ސިޔާސީ ލެވެލްތަކަށް ޖޮއިން ކުރެއްވި ބޭފުޅުންނާއި، މިތަނުގައި މި ހުރިހާ ދުވަހު ތިއްބެވި ބޭފުޅުންނާ މިއީ އެއްބައެއްގެ ގޮތުގައި ދެކިވަޑައިގެން، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒުގައި، ދެންމެ ޢަބްދުއްރަޙީމް އެ ފާހަގަކުރެއްވި ގޮތަށް މަސައްކަތް ކުރެއްވުން އަޅުގަނޑު އެދެން. ވަރަށްގިނަ ވަޢުދުތަކެއް އަޅުގަނޑު ރައްޔިތުންނަށްވިން. އެކަންކަން ހާސިލުކޮށްދިނުމުގައި، ހުރިހާ އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ބުރަ މަސައްކަތް ކުރުމުގައި، އަޅުގަނޑުމެން ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން، އެ ޢަޒުމުގައި، ނަތީޖާ ނެރެދިނުމުގެ ޢަޒުމުގައި ރެޔާއިދުވާލު މި ކުރަން ފަށައިގެން މިއުޅޭ މަސައްކަތުގައި، އެންމެން އެކީގައި ކުރިއަށްދިޔުން އެއީ، އަޅުގަނޑު އެދޭ އެދުމަކީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.