ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީ.ސީ.ޓީ.ޕީ)ގެ ރައީސް، އަޙްމަދު ބިން މުޙައްމަދު އަލް ޖަރުވާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޖީ.ސީ.ޓީ.ޕީ.ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި އެކި ދާއިރާތަކުން ކުރިއަރައިދިއުމަށް އެހީތެރިވުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޖީ.ސީ.ޓީ.ޕީ.ގެ ރައީސްގެ ވާހަކަފުޅުގައި އެ ކައުންސިލްގެ މައިގަނޑު ތަސައްވުރަކީ ތަޢުލީމާއި، މީޑިއާއާއި، މަޝްވަރާއާއި، އެއްބާރުލުން ދިނުން ފަދަ ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް ކެތްތެރިކަމާއި ޞުލްޙަވެރިކަމުގެ ސަޤާފަތެއް ފެތުރުންކަމުގައި ވިދާޅުވިއެވެ.

ޖީ.ސީ.ޓީ.ޕީ.ގެ ރައީސްގެ ވާހަކަފުޅުގައި، އެ ކައުންސިލްގެ ފަރާތުން ހިންގާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ސްކޮލަރޝިޕްތަކާއި ތަޢުލީމީ އެކި ކޯސްކޯހުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތަކަށް ފުރުސަތު ފަހިކޮށްދިނުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން އަދުގެ ޒުވާނުންނަށް އޮތް މިންވަރު ހާމަކޮށްދެއްވައި، މިފަދަ ފުރުސަތުތަކުގެ ސަބަބުން ކުރިމަގުގެ ލީޑަރުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.