ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ރިޕަބްލިކް އޮފް ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރ ޕާކް ހިޔޮންގ-ޖޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި، މޭޔަރ ޕާކް ހިޔޮންގ-ޖޫނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ މެދުގައި ކުރިޔަށްގެންދިޔަ، ދެ ގައުމަށް އޭގެ މަންފާވާނެ ބައެއް މަޝްވަރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ އަދި އިންސާނީ ތަރައްޤީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުންވެސް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޓޫރިޒަމް ކުރިއެރުވުމާއި، ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމާއި، ގަވަރނަންސްގެ އިތުރުން ސަލާމަތާގުޅޭ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް އިތުރު ފުރުސަތު ހޯދުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި މޭޔަރ ޕާކް ހިޔޮންގ-ޖޫން ވަނީ، މަޝްވަރާކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފައެވެ.