ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް ކެމްބޯޑިޔާގެ ޕާރލިމަންޓްގެ މެންބަރ، ކޮމިޝަން އޮފް ފޮރިން އެފެއާޒް، އިންޓަރނޭޝަނަލް ކޯޕަރޭޝަން، އިންފޮމޭޝަން އެންޑް މިޑިޔާ އޮފް ދަ ނޭޝަނަލް އެސެމްބްލީ އޮފް ދަ ކިންގްޑަމް އޮފް ކެމްބޯޑިޔާ ގެ ޗެއަރމަން، އަދި އިންޓަރނޭޝަނަލް ޕާރލިމަންޓް ފޮރ ޓޮލަރަންސް އެންޑް ޕީސް (އައި.ޕީ.ޓީ.ޕީ.)ގެ ރައީސް، ސުއާސް ޔާރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އައި.ޕީ.ޓީ.ޕީ. ގެ ރައީސް ސުއާސް ޔާރާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސުއާސް ޔާރާ ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެޤައުމުގެ ގުޅުމާއި އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޔުނިވަރސަލް ޕީސް ޗާޓަރ ބަލައިގަތުމުގެ މުހިންމުކަމާއި، އަދި ދުނިޔޭގެ ޞުލްހަޔާއި އަމަންއަމާންކަމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ، އިންޓަރނޭޝަނަލް ޕާރލިމަންޓް ފޮރ ޓޮލަރަންސް އެންޑް ޕީސްގެ ރައީސް ވަނީ ޞުލްހަޔާ އަމަންއަމާންކަމުގެ މަގަށް މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުމުގައި ރާއްޖޭގެ ބައިވެރިވުން ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ހިތްވަރުދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އައި.ޕީ.ޓީ.ޕީ. ގެ ރައީސް ވަނީ، ފަތުވެރިކަމުގެ ދާއިރާއާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަގާފަތާގުޅޭ ކަންކަމުގައި ގުޅުންބަދަހިކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ މުހިންމުކަން ފަދަ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.