ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކްލައިމެޓް ފައިނޭންސިންގއާއި، ކޮޕް-28 ސަމިޓާއި، ކޮމަންވެލްތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ޑިޖިޓަލް ތަޢުލީމާއި، އަންހެނުން ބާރުވެރިކުރުވުން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ މަސައްކަތްތައްކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ތައްޔާރީ ފިޔަވަޅުތައް އަޅަމުން ދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.