ޖަޕާނުގެ ބޮޑުވަޒީރު ގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޕާލިމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒްގެ މަގާމުގައި ހުންނަވާ ކޮމޫރާ މަސަހިރޯ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތް ޖަޕާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ދަންނަވާ ޝުކުރު އަދާކުރައްވާފައެވެ.

ޕާލިމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް، ކޮމޫރާ މަސަހިރޯ ވަނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ޕާލިމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ކޮމޫރާ މަސަހިރޯ ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމަށް އަލިއަޅުވާލައްވައި، ރާއްޖޭގައި ޖަޕާނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ ހަނދާން އާ ކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި މި ދާއިރާއިން އެއްބާރުލުން ދެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބަދަހިވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.