ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގެ މިނިސްޓަރ އޮފް ޖަސްޓިސް، ޢަބްދުالله ބިން ސުލްޠާން ބިން އަވާދު އަލް ނުއައިމީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. ޔޫ.އޭ.އީ ގެ ޖަސްޓިސް މިނިސްޓަރ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ޔޫ.އޭ.އީގެ ރައީސްގެ ފަރާތުން ފޮނުއްވި މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ޔޫ.އޭ.އީގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް އަރިސްކުރައްވައި، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ޔޫ.އޭ.އީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.

ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޖަސްޓިސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާރިޖީ ސިޔާސަތުގެ އަމާޒަކީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމާއި، ޤައުމުތަކާ ކުރެވޭ މަޝްވަރާތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ޤައުމުތަކާއެކު ފައިދާހުރި އެއްބަސްވުންތައް ޤާއިމުކުރުންކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނީގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރަނި މެނޭޖްކުރުމުގައި މި ސަރުކާރުގެ މައިގަނޑު އަމާޒަކީ އިޤްތިޞާދު ފުޅާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޔޫ.އޭ.އީގެ އިސްވެރިންނާއި ސަރުކާރުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ޔޫ.އޭ.އީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުނންނަވާ ސަފީރު ވަނީ މިމަހުގެ ފަހުކޮޅު އެކްސްޕޯ ސިޓީ ދުބާއީގައި ކުރިއަށްދާ ޔޫ.އެން. ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28 ޔޫ.އޭ.އީ) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ރަސްމީ ދައުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޖަސްޓިސް ޢަބްދުالله ބިން ސުލްޠާން ބިން އަވާދު އަލް ނުއައިމީގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުންވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.