ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު މެންދުރު ކުރީގައި ބޭއްވި މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އެޑްވާޑް އެޑައި އަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭކަންކަމަށް ޔުނިސެފްގެ ފަރާތުން ދެމުން އަންނަ އެއްބާރުލުން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފްއާ ، ރާއްޖެއާ ގުޅިގެން، ރާއްޖޭގެ ކުޑަކުދިންގެ އާންމު ޙާލަތު ރަނގަޅުކުރުމަށް ކުރެވިފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި، އަދި އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިކަންކަން އިތުރަށް ހަރުދަނާކޮށް ފުޅާ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ޔުނިސެފްގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިޔަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އިތުރުކަންކަމުގެ ތެރޭގައި، ޒުވާނުންގެ ނަފްސާނީ މައްސަލަތަކަށް ޙައްލުގެނައުމާއި ބެލެނިވެރިންގެ ޒިންމާ ރަނގަޅުގޮތުގައި އަދާކުރުމުގެ މުހިންމުކަމާއި ރަނގަޅުކާނާ އާއެކު ހަރަކާތްތެރި ދިރިއުޅުމެއްގެ ބޭނުންތެރިކަމާއި ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭގޮތުންނާއި އަދި ކުޑަކުދިންނާއި ގުޅޭކަންކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވެރިވުން ހޯދުންފަދަ ކަންކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޣައްޒާގެ ކުޑަކުދިންނަށް ޔުނިސެފްގެ ފަރާތުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް އަލިއަޅުވާލައްވާފައެވެ. އަދި އެކަމަނާ ވަނީ އިސްރާއިލާއި ފަލަސްޠީނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ކުރެވޭ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.