ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރްޙަލާގައި، ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ޚާއްޞަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާ ލީޑަރޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.