މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވޯޓުލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފަހުރި އެމަނިކުފާނު ނިޞްބަތްވެވަޑައިގަންނަވާ ދާއިރާގެ ވޯޓުފޮށްޓަށެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 8 ގަޑި ސުންމިނެޓްގައެވެ. ވޯޓުލުން ބަންދުވާނެ ގަޑިއަކީ ހަވީރު 5 ގަޑި ސުންމިނެޓެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ގޮތުގައި މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި ރިޔާސީ އިންތިޚާބު 2023 އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޮންމެ 5 އަހަރަކުން އެއްފަހަރު ރިޔާސީ އިންތިޚާބު ބާއްވާއިރު ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެނޑިޑޭޓަކު ވާދަކުރައްވާފައި ވާއިރު މިއަދު ބާއްވާ މި އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ.