އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ޚާއްޞަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ. ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވެއެވެ. ހަމަ އެއާއެކު އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދެއެވެ.

ރައިސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ޚާއްޞަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫއަށް ޖުމްލަ 76 ހެކްޓަރުގެ ބިން އިތުރުކޮށް ހިތަދޫއަށް 80 ހެކްޓަރުގެ ބިން އިތުރުކޮށްފައިވެއެވެ.

ސަރުކާރުން އައްޑޫ ސިޓީ ތަރައްޤީކުރަނީ ސަރަޙައްދީ އިޤްތިޞާދީ ނާރެހެއްގެ ގޮތުގައެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ އިތުރުން ސިޓީގައި 124 ކިލޯ މީޓަރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ހުރިހާ ވަޞީލަތްތަކާއެކު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.